ނުހައްގު މުއްސަނދިކަން ހޯދުމުގެ ގާނޫނު އެމްޑީޕީއިން ފާސްކޮށްފައި އޮތީ ހަމަ ނަމެއްގައި: މެންބަރު އަޒާން

ނުހައްގު މުއްސަނދިކަން ހޯދުމުގެ ގާނޫނު އެމްޑީޕީއިން ފާސްކޮށްފައި އޮތީ ހަމަ ނަމެއްގައި ކަމުގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގް ވިދާޅުވެއްޖެއެވެ. އަޒާން މިހެން ވިދާޅުވީ ދައުލަތުގެ...

05 Nov 2024 | 05:33

ނުހައްގު މުއްސަނދިކަން ހޯދުމުގެ ގާނޫނު އެމްޑީޕީއިން ފާސްކޮށްފައި އޮތީ ހަމަ ނަމެއްގައި ކަމުގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގް ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ ދައުލަތުގެ މަގާމަކުން ވަކިވާ ފަހުން ވެސް، އެ މަގާމެއްގައި ހުރެ ހޯދާފައިވާ ނުހައްގު މުއްސަނދިކަމަށް ފަސޭހައިން ދައުވާކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ގާނޫނުލް އުގޫބާތުގެ 515 ވަނަ މާއްދާއަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ.

މި އިސްލާހަށް ވާހަކަދައްވަމުން އަޒާން ވިދާޅުވީ 19 ވަނަ މަޖިލީހުން އެ ގާނޫނު ފާސްކޮށްފައިވަނީ އޭގައި ލިމިޓޭޝަންތަކެއް ހިމެނޭފަދަ ގޮތަކަށް ކަމަށެވެ.

"މިހާރު އޮތް ގޮތުން ނަމަ ނުހައްގު މުއްސަނދިކަން ސާބިތުކުރުމަށް އެބަޖެހޭ އެއީ ޖިނާއީ ބޮޑު ކުށެއްކޮށްގެން ހޯދި މުއްސަނދިކަމެއްކަމަށް ގަބޫލުކޮށްގެން ހޯދި މުއްސަނދިކަމެއްކަމަށް ހެކި ހުންނަން، ނުހައްގު މުއްސަނދިވަނީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން އެކަންޏެއް ނޫން، އާންމު ގޮތެއްގަ ދައުލަތުގެ މަގާމުތަކުގަ ތިއްބަވާ ބޭފުޅުން ނުހައްގު މުއްސަނދިކަން ލިބިގަންނަނީ އެ ކެޓަގަރީއަށް ނުފެތޭ ކުށްތައްކޮށްގެން" އަޒާން ވިދާޅުވިއެވެ.

އެހެންކަމުން އެއްވެސް ބަޔަކަށް އެ ކުށް ސާބިތުކުރެވޭނެ ގޮތެއް ގާނޫނު މިހާރު އޮތް ގޮތަކުން ނެތްކަން ފަހާގަކުރައްވައި އަޒާން ވިދާޅުވީ މިހާރު ހުށަހެޅިފައިވާ އިސްލާހުން އެކަންކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.

އަޒާން ވިދާޅުވީ އޮފީހުގަ ހުންނަ ކޮފީދަޅުން ކޮފީ ގެއަށް ގެންދިޔައިމަ އާދައިގެ މުވައްޒަފަށް ދައުވާ ކުރުމުގެ ބަދަލުގަ ދައުލަތުގެ އިސް މުހިންމު މަގާމުތަކުގަ ތިބޭ މީހުން މަގާމާއި ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ގޮތުގަ މުއްސަނދިވާ މުއްސަނދިވުން ބެލެންޖެހޭ ކަމަށާއި ދެކެން ބޭނުންވަނީ އެފަދަ ދުވަހެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ގާނޫނަށް މި ގެންނައިސްލާހުން އެކަންތައް އެމަގަށް ފަހިވެގެންދާނެ، ދައުލަތުގެ އެކި ވަޒީފާތައް އަދާކޮށްފަ ހެންވޭރުން ގެއެއް ގަލޮޅުގަ ގެއެއް ދުބާއީގަ އެޕާޓްމަންޓެއް މިކަހަލަ ހެޑްލައިންތައް ފެންނަނީ، ރައްޔިތުން ސުވާލުކުރޭ ރައްޔިތުން އެންމެ ބޮޑަށް ސުވާލުކުރަނީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ، އަޅުގަނޑުމެންގެ ޒިންމާއެއް މިކަންތައްތައް ރަނގަޅު ކުރުމަކީ" އަޒާން ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ މި ގާނޫނަށް މި ގެނެވޭ ބަދަލާއެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެހެންނަމަވެސް އަދިވެސް އިތުރު ގާނޫނުތައް އަންނަން ޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ އެސެޓް ޑިކްލެރޭޝަންގެ ބިލެއްވެސް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމުގައިވެސް އަޒާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް