ސަރުކާރުގެ ޚަރަދުތައް ކުޑަކުރާއިރު، އެކަން ކުރާނީ އެންމެ ބޭނުން ޖެހިފައިވާ މީހާއަށް އިސްކަންދީގެން ކަމަށާއި މިހާރު އޮތީ އިޖްތިމާއީ އަދާލަތުގެ ނިޒާމު އެއްކޮށް ހަލާކުވާގޮތަށް ޚަރަދުތައް އެތުރިފައިކަމަށް މާލީ ވަޒީރުގެ ނައިބު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީން ބޭއްވި "ރައްޔިތުންގެ ސައްލާ"ގައި ވާހަކަދައްކަވަމުން ސާއީދު ވިދާޅުވީ މި އަހަރުގެ ބަޖެޓަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ، ގަވަރމަންޓް ފައިނޭންސް ސްޓެޓިސްޓިކްސްއާ އެއްގޮތަށް ތައްޔާރުކޮށް ހުށަހެޅި ފުރަތަމަ ބަޖެޓުކަމަށާއި އަދި ހަރުދަނާ އުސޫލެއްގެ ދަށުން ބަޖެޓް ތައްޔާރުކުރެވުމުން އަންނަ އަހަރު 7 ބިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށެވެ.
ސާއިދު ވިދާޅުވީ މި ސަރުކާރުން ޚަރަދުތައް ކުޑަކުރާއިރު، އެކަން ކުރާނީ އެންމެ ބޭނުން ޖެހިފައިވާ، މީހާއަށް އިސްކަން ދީގެންކަމަށާއި މިހާރުއޮތީ އިޖުތިމާއީ އަދާލަތުގެ ނިޒާމް އެއްކޮށް ފުނޑުފުނޑު ކޮށްލާފަދަގޮތަކަށް ޚަރަދުތައް އެތުރިފައިކަމަށެވެ.
"ސަރުކާރަށް މިހާރު އެނގޭނެ ޚަރަދުތައް ކުޑަކުރާއިރު އެންމެ ބޭނުން ޖެހިފައިވާ މީހާއަށް އިސްކަންދީގެން ޙަރަދު ކުޑަކުރާނީ. މިހާރު މިއޮންނަނީ އިޖްތިމާއީ އަދާލަތުގެ ނިޒާމު އެއްކޮށް ހަލާކުވާގޮތަށް ޚަރަދުތައް އެތުރިފައި" ސާއިދު ވިދާޅުވިއެވެ.
މީގެއިތުރުން ސާއިދު މުސްތަފާ ވިދާޅުވީ މިއަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމުގައި ސަރުކާރުން ވަރަށް ގިނަ ކަންކަމަށް ވިސްނަވަައިގެން، ފަންނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އެގޮތުން ބަޖެޓަށް އާމްދަނީ އިތުރުކުރަން އައު ގޮތްތައް ހޯދާފައިވާއިރު، އެކަންކަން ތަންފީޒުކުރާނީ ރައްޔިތުންނަށް ބުރަ ނުވާނެ ގޮތަށްކަމަށެވެ.
ސާއިދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުން އެންމެ ބޮޑު ތަފާތެއް ފެންނަނީ ނިޒާމީ ގޮތެއްގައި ކުރަމުން އަންނަ ހަރަދުތައް ކޮންޓްރޯލްކޮށް، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް އެ ޚަރަދުތައް ބައްޓަންކުރުންކަމަށެވެ.
އަދި މީގެކުރިން ޚަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅާ ވާހަކަ ދެއްކިނަމަވެސް އެކަން ކޮށްފައި ނެތްކަމަށާއި، ނަމަވެސް މިފަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު އެކަންކަން ކުރަން ހިމަނާފައިވާނޭކަން ވެސް ސާއިދު ފާހަގަކުރެއްވިއެވެ.
ޕީއެންސީން ބޭއްވި "ރައްޔިތުންގެ ސައްލާ"ގައި ސާއީދުގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލްވެސް ބައިވެރިވެވަޑައިގެން ބަޖެޓާއި ގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ރޭގެ ޖަލްސާ ނިންމާލަމުން ޕީއެންސީން ބުނީ "ރައްޔިތުންގެ ސައްލާ" ކޮންމެ ހަފްތާއަކު އެއް ފަހަރު ބާއްވާނެކަމަށާއި، އަދި ކޮންމެ ހަފްތާއަކަށް ހާއްސަ މައުޟޫއެއް އޮންނާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް