އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ބުނާ ގޮތަށް ބަޖެޓް ހަދައިފިނަމަ މާ ގިނަ ދުވަސްތަކެއް ނުވެ، ގައުމު ބަނގުރޫޓުވާނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން އަލަށް ފެށި 'ރައްޔިތުންގެ ސައްލާ' ގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށްފައިވަނީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބޭރުގެ މާލީ އިދާރާތަކުން ދިން އިރުޝާދުތަކަށް ވަރަށް ބޮޑަށް ރިއާޔަތްކުރުމަށްފަހު ކަމަށާއި ބަޖެޓް ހަދާނެ ގޮތް އެމްޑީޕީން ކިޔާދޭން ނުޖެހޭ ކަމަށެވެ.
އަދި އެމްޑީޕީން ބުނާގޮތަށް ބަޖެޓް ހަދައިގެން ލިބޭނެ އެއްވެސް ކުރިއެރުމެއް މަންފާއެއް ނެތްކަމަށާއި، އެމްޑީޕީން ބުނާގޮތަށް ބަޖެޓު ހަދައިގެން ގިނަ ދުވަތަކެއް ނުނަގައި މުޅި ގައުމު ބަނގުރޫޓުވެގެން ދާނެކަމަށެވެ.
"އެމްޑީޕީން އަޅުގަނޑުމެންނަށް ދައުލަތުގެ ބަޖެޓް ހަދާނެގޮތް ކިޔާދޭން ނޫޅުއްވާށޭ. ތިގޮތަށް ތިބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން އަޅުގަނޑުމެން ބަޖެޓް ހަދައިފިއްޔާ ކުރިޔަށް އޮތް ދެމަސްތެރޭ ބަނގުރޫޓުވާނެ މުޅިގައުމު." ޝުޖާއު ވިދާޅުވި އެވެ.
އެހެންކަމުން އެމްޑީޕީން ދައުލަތުގެ ބަޖެޓް ތައްޔާރުކުރާނެ ގޮތް ޕީއެންސީއަކަށް ކިޔާދޭކަށް ނުޖެހޭނެކަމަށާއި އަދި އެކަން ޕީއެންސީން އަޑެއްވެސް ނާހާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން އާމްދަނީ އިތުރުކުރީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަދި ސްޓިކާ ޖެހުން ފަދަ ކަންކަން ކޮށްގެން ކަމަށާއި އަންނަ އަހަރުގެ ބަޖެޓު ހަދާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ އަމިއްލަފުޅު ވަގުތު ހޭދަކުރައްވައިގެން، އެމަނިކުފާނުގެ އަމިއްލަ އިސްނެންގެވުމާއެކު ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް