އާބާތުރަ ފިލުވައި ސީއެޗްއެސްއީ މާލެ އަލުން ހުޅުވައިފި

އާބާތުރަ ފިލުވައި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، މާލެ ސްކޫލް އަލުން ހުޅުވައިފިއެވެ. ސީ.އެޗް.އެސް.އީ. މާލޭގައި އަލުން ހުޅުވައިދެއްވީ އެ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައ...

05 Nov 2024 | 01:14

އާބާތުރަ ފިލުވައި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، މާލެ ސްކޫލް އަލުން ހުޅުވައިފިއެވެ.

ސީ.އެޗް.އެސް.އީ. މާލޭގައި އަލުން ހުޅުވައިދެއްވީ އެ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރޭގެ ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި "ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމް ބައްލަވާލައްވާފައެވެ.

ސީ.އެޗް.އެސް.އީ.އަށް 45 އަހަރު ފުރުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސް ވަނީ މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. ރޭ ސީ.އެޗް.އެސް.އީ – މާލެ ހުޅުވިގެންދިއުމާއެކު ފުރަ މާލޭގައި މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުސަތު އަލުން މިވަނީ ތަނަވަސްވެގެން ގޮސްފައެވެ. ރައީސް މީގެ ކުރިން ވަނީ މަތީ ޘާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މާލޭގެ ސީ.އެޗް.އެސް.އީ. އުވި، ހުޅުމާލޭގައި ސީ.އެޗް.އެސް.އީ. އުފެދި، ގިނަ ދަރިވަރުންތަކެއް މާލެއިން ސީ.އެޗް.އެސް.އީ. ހުޅުމާލެއަށް ދަތުރުކުރަންޖެހުމަކީ ވަރަށް ތަކުލީފުބޮޑު، އެކަމުގެ އުނދަގޫކަން ގިނަ ރައްޔިތުންނަށް އިހުސާސުވި ކަމެއް ކަމަށާއި މިކަމުގެ ޝަކުވާތައް އަޑުއައްސަވާ، މާލޭގައި އަލުން ސީ.އެޗް.އެސް.އީ ހުޅުވައި، ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ކަށަވަރުކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ޝުކުރުވެރިކަމާއެކު މުޅި ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން ފާހަގަކުރައްވާ ކަމެއް ކަމުގައި ތަޢުލީމީ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އޯ ލެވެލް ނިންމާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި އެގޮތުން ކުރިން އެގާރަ ސަތޭކައެއްހާ ކުދިން އޭ ލެވަލްގައި ބައިވެރިވާ ބައިވެރިވުން މިހާރު ދެހާހާއި ގާތްކުރާ ޢަދަދަކަށް މަތިކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލޭގައި އަލުން ހުޅުވިގެންދާއިރު މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް