ގެދޮރުވެރިޔާ ސްކީމްގެ ކަންކަން މަޑުޖައްސާލަން އޭސީސީން އަންގައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އިއްޔެ އާއްމުކޮށްފައިވާއިރު އެ ސްކީމް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އަންގައިފިއެވެ. އެގޮތުން މީޑިއާ...

05 Nov 2023 | 11:29

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އިއްޔެ އާއްމުކޮށްފައިވާއިރު އެ ސްކީމް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އަންގައިފިއެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އޭސީސީން ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުޞޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"މި ކޮމިޝަނުން ތަޙުޤީޤުކުރަމުންދާތީ، އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިއަދު ވަނީ އަންގާފައި" އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ގެދޮރުވެރިޔާ ސްކީމް ހުއްޓުވާފައިވާއިރު އިއްޔެ އާއްމު ކުރި ލިސްޓާއިމެދު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވަކި ބަޔަކަށް ބަހާލީ ކަމަށް ތުހުމަތުކޮށް މިއަދު އެއް ބަޔަކު ހައުސިން މިނިސްޓްރީ އަށް ގޮސް އިހްތިޖާޖުވެސްކޮށްފައިވެއެވެ. އޭސީސީން މިކަން ހުއްޓުވާފައިވާއިރު ހައުސިން މިނިސްޓްރީންވެސް އެ ލިސްޓަށް ޝަކުވާ އަށް ހުޅުވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް