"ކިހިނެތްވީ އަނެއްކާ....؟" ހާސްވެފައި ހުރެ ހަސީނާ އަހާލިއެވެ.
"މުދިންބެ ރޭގައި ކޮންމެވެސް ވަރަކަށް ތިކަން ބަލާލައިފިން... މުދިންބެއަށް ހީވި ހީވުން މިހާރު ތި ޔަޤީންވީ.... އެމަންޖެއާއި ތިހިރީ ޖިންނިއެއް އަވަލަވާފައި.... ވަރަށް ވިސްނައިގެން އެމަންޖެ ގެންގުޅެންވާނީ.... އެމަންޖެ ބޮޑުވެގެން މީހަކާ އިންނަން އުޅޭ ހިސާބުން ތިކަމުގެ އަސަރު ބޮޑަށް ފެންނާނެހެން ހީވަނީ.... މިހާރު ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތް.... އިރުއޮއްސޭ ވަގުތު ބޭރަށް ނުނެރެ ގެންގުޅުނީމަ ރަނގަޅުވާނެ.... މިފެންފުޅީން ތިން ދުވަސްވަންދެން ފެންބޯންދީ... އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް ދިމައެއް ނުވާނެ..." މުދިންބެ ކުޑަފެންފުޅިއެއް ދިއްކޮލަމުން ބުނެލިއެވެ.
"އެއީ މީގެ އެތައް އަހަރެއްކުރި... އަހަރުމެން ރަށަށްދިޔަ ފަހަރަކު.... ދެން ކިހިނެތް ހަދާނީ....؟" އިސް އުފުލާލުމަށްފަހު އަޒާން އާއި ދިމާއަށް ބަލާލަމުން ހަސީނާ ބުނެލިއެވެ.
"އެހެންވީމާ ފަހުން ހުމޭދާއާއި ދިމާވި ކަންތައްތަކަކީ އެކަމާގުޅުން ހުރި ކަންތައް ތަކެއް... އެ މީހާބުނީ އެއީ ކުޑައިރު އަވަލާފައިހުރި ޖިންނިއެއްގެ ކަމެކޯ.... އެޖިންނި ގެނެސްގެން އޭނަ ވާހަކަ ދެއްކީމަ ބުނިކަމަށްވަނީ ދެން އުނދަގުލެއް ނުކުރާނެކަމަށް... އެމީހާބުނީ އެ ޖިންނި، ހުމޭދާ ދޫކޮށްލީ ކަމެއް ނުނީ ޖިންނި ބޭނުންވާ ކަންކަން ކާމިޔާބުވީ ކަމެއް އަދި ނޭނގެޔޯ.... ފެންފުޅިއެއް ކިޔަވާފައި މާދަން އަދި ދޭނަމޯ ބުނި... ކޮންމެ ދުވަހަކު ފެންފޮދެއް ބޮމުން ގެންދާށޯ.... " އަޒާން ވާހަކަ ދެއްކީ ހުމޭދާއާއި ދިމާއަށް ބަލަން އިނދެއެވެ.
"މިހާރު ކުރިންވާ އުނދަގޫތަކެއްވެސް ނުވެއޭ.... އެހެންވީމާ ދެން ނޯމަލްކޮށް އުޅެވޭނެދޯ.... ފޯނުވެސް ގެންގުޅެވޭނެއެއްނު..." ހަސީނާއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ނޫނޭ... އަދި ދުވަސްކޮޅަކު ބަލާލައިގެން އުޅެންޖެހޭނެ ކަމަށް އެމީހާ ބުނީ.... އަދިވެސް އިރުއޮއްސޭ ވަގުތު ބޭރަށް ނުދާން ބުނެފައި އޮތީ.... ދުވަސްކޮޅެއް ވަންދެން ފޯނުވެސް ނުގެންގުޅޭށޭ ބުނެފައި އޮތީ..... " ހުމޭދާ އަށް ޖަވާބު ދިނުމުގެ ގޮތުން އަޒާން ބުނެލިއެވެ.
"އެކަމަކު، މިކޮޅަށް އައިމަ ކުރިން ވަމުންދިޔަ ގޮތްތަކެއް މިހާރަކު ނުވެއެއްނު... ހީވަނީ އެކީ ރަނގަޅު ވެއްޖެހެން...." މަންމަ އާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ނޫނޭ... އެތާގައި ވަމުންދިޔަގޮތްތައް ހުމޭ އަށް ހަމަރަނގަޅަށް ފެނުނެއްނު.... އަދިވެސް އެޖިންނި އެކީ ހުމޭ ދޫކޮށްލީ ކަމަކަށް ޖިންނި އެއް ނުބެނެޔޯ.... އެހެންވީމާ އަދިވެސް އުނދަގޫ ތަކެއް ކުރިމަތި ވެދާނެ.... ބަލައިގެން އުޅެންވާނީ...." އަޒާން ކާމޭޒު ދޮށުގައި އިށީންނަމުން ބުނެލިއެވެ.
ޖެހިގެން އައިދުވަހެވެ. އެއީ ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ދުވަހެކެވެ. ހަސީނާއާއި ޒާހިރާ އާއި ދެމީހުން ހެނދުނުގެ ސައިގެ ކަންކަން ހަމަޖެއްސުމަށްފަހު ތިބީ ސިޓިން ރޫމުގައެވެ. ހޮސްޕިޓަލުގައި ޢާއިޝާ ކައިރީގައި ތިބި ނާޞިރާއި ޚާލިދު ގެއަށް ފޮނުވަންދިޔައީ އަޒާން އެވެ. އަޒާން ހޮސްޕިޓަލަށް ދާން ނިކުތްތަނާއި އޮއްސާލި ވާރޭ އަދިވެސް ހުއްޓާނުލައެވެ. ހައްތަހާދަނީ ބޯކުރަމުންނެވެ. ވިދާލާ ވިދުވަރާއެކު ޖަހާލާ ގުގުރި އެހާބާރެވެ.
"ނާޞިރުމެން ހާދަ ލަސްވެއްޖެ އޭ ދޯ.... މިހާބޯކޮށް ވާރޭ ވެހެނިކޮށް ކިހިނެތްދޯ އަންނާނީވެސް.... " ޒާހިރާ، ހަސީނާއާއި ވާހަކަ ދެއްކިއެވެ.
"މަވެސް ލަސްވެގެން ޚާލިދާ ގުޅާލައިފިން.... ބުނި ކާރެއް ލިބޭތޯ މީހަކާ ގުޅިގެންނޭ މިތިބީ..... ދެން ލަހެއް ނުވާނެއޭ، ކޮންމެސް މީހަކު ކާރުގައި އެބައާދެއޭ..." ހަސީނާ ބުނެލިއެވެ.
"މަންމާ އަދިވެސް ބޭބެމެން ނާދޭތަ...؟ ހުމޭދާ ސިޑިން ފައިބަމުން ހަސީނާ ކައިރީ އަހާލިއެވެ.
"އާން.... ވިއްސާރަކަމުން ނާދެވިފަޔޯ.... ބޭބެމެން އަންނަންވާ އިރަށް ދަރިފުޅުދޭ ސައިބޯން...." ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ހަސީނާ ބުނެލިއެވެ.
އެވަގުތު ދުވަމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން އައީ ޚާލިދާއި، ޒާހިރެވެ. ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.
"އައްދެ.... ތެމިގެންތަ ތިޔައައީ...." ޚާލިދު ފެނުމުން ހަސީނާ އަހާލިއެވެ.
"ކާރުގައި މިއައީ... އެކަމަކު ވާރޭ ވެހޭލެއް ބޯކަމުން ކާރުން ފައިބައިގެން ގޭތެރެއަށް ވަންނަންވާއިރަށް ވީ ވަރު މިއީ... ޚާލިދު ގަމީހުގެ އެކިތަންތަން ފޮހެލަމުން ބުނެލިއެވެ.
"އަހަރުން ހީކޮށްގެން ތިބީ މިވެހޭ ބޯ ވާރޭގައި ކާރެއް ނުލިބިގެން ލަސްވީ ކަމަށް.... " ޒާހިރާ، ހަސީނާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"އާން.... ކާރެއް ނުލިބިގެން ތިއްބަ ހަނދާންވީ ކުރީ ދުވަހުވެސް ކާރެއް ނުލިބިގެން ތިއްބަ އައި ކާރު ކުއްޖާ ދިން ކާޑު ޖީބުގައި އޮތްކަން... އެދުވަހު އޭނަ ބުނެފަ ދިޔައީ ކަމެއް ބޭނުންވެއްޖިއްޔާ ގުޅާށޭ.... އެހެންވެ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން އޭނައަށް ގުޅާލީ..... ހަމަ ގުޅާލާއިރަށް އަތުވެއްޖެ... ނަޞީބަކުން މިއަދުވެސް އޭނަ އުޅުނީ އެހިސާބު ކައިރީގަޔޯ.... ނަސީބެއްނު... އެހެންނޫނީ ވާރޭ ހުއްޓަންދެން މަޑުކުރަން ޖެހޭނީ.... ހުއްޓާގޮތަކަށް ނޫން މިވެހެނީކީވެސް... ވަޔެއް ޖެހެނީކީ ނޫން... އަނެއްކާ އެހާބޮޑަށް ވިދާފަ އެހާބާރަށް އެބަ ގުގުރާ ..." ޚާލިދު ބުނެލިއެވެ.
އާން......ބަލާބެލުމަށް އެއީ ވަރަށް ރަނގަޅު، މަޖާ މިޒާޖެއްގެ ކުއްޖެއް.... ސައިބޯން ގެއަށް ވަންނާށޭ ބުނީމަ ހަވީރު ތަންކޮޅެއް ފަސްކޮށްލާފަ އަންނާނަމޭ ކިޔާފަ އެދިޔައީ.... ކުރިންވެސް އެއް ދުވަހު މިގެއަށް އައިމޯ ބުނީ.... ސަރަކާތްބޮޑު ކުއްޖެއް..." ނާޞިރު، ޚާލިދާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"ކިހިނެތް މިހާރު ޢާއިޝާ....." ޒާހިރާ، ޢާއިޝާގެ ޙާލު އޮޅުން ފިލުވުމުގެ ގޮތުން ސުވާލު ކޮށްލިއެވެ.
"ﷲ އިދާރަފުޅުން ޢާއިޝާ މިހާރު ވަރަށްބޮޑުތަން ރަނގަޅު... އަޒާން ގޮއްސަ ޑޮކްޓަރާއި ވާހަކަ ދެއްކި... ޑޮކްޓަރ ބުނިކަމަށްވަނީ މިހަފްތާގައި އިރާދަކުރެއްވިއްޔާ ހޮސްޕިޓަލުން ދޫކޮށްލެވޭވަރު ވާނެޔޭ... " ނާޞިރު ޒާހިރާއަށް ޖަވާބު ދިނެވެ.
"އަލްޙަމްދު ލިﷲ.... ދެންދޭ ތިއެއްޗެހި ބަދަލުކޮށްގެން ސައިބޯން އަންނަން.... މިހާރު އެހެރަ 10 ޖަހަނީ.... ޒާހިރާ، ނާޞިރަށް ބުނެލިއެވެ.
ހަވީރުގެ ވަގުތެވެ. ޚާލިދުގެ ތިމާގެ ބަޔަކު އައިސްގެން އުޅޭތީ ހަސީނާއާއި ޚާލިދު ދިޔައީ އެމީހުން ބައްދަލުކޮށްލާށެވެ. ޒާހިރާއި ނާޞިރުވީ ހޮސްޕިޓަލުގައެވެ. އަޒާން އޮތީ ނިދާފައެވެ. ހުމޭދާ ފޫހިވެގެން ފޮތެއް ހިފައިގެން ނިކުތީ ގޭގެ އަނެއްފަރާތުގައިވާ ބަގީޗާ ތެރެއަށެވެ. ހަވީރުވަންދެން ވެހުނު ވާރޭއިން ގަސްތައްވަނީ ތެމިފޯވެފައެވެ. ޖެހުމެންދިޔަ ވައިރޯޅީގައިވެސްވަނީ ތެތްފިނިކަމެވެ. ތެމިފައިވާ ގޮނޑި ފޮހެލުމަށްފަހު ހުމޭދާ ފޮތް ހިފައިގެން ގޮނޑީގައި ހަމަޖެހިލުމަށްފަހު އުޑުމައްޗަށް ބަލާލިއެވެ. އިރު އޮއްސެން ގާތްވަނީއެވެ. އެކި ކުލަތަކުން އުދަރެސް އޮތީ ޖަރީކޮށްފައެވެ. ދުވަހުގެ ހަލަބޮލިކަމުގެ ތެރެއަށް ހަމަހިމޭންކަން ފޫދެމުންދިޔައިރު ދޫނިސޫފާސޫފިތައް އެސޮރުމެންގެ މަންޒިލާ ދިމާއަށް ދަތުރުކުރަމުން ދެއެވެ. ލަސްކޮށްފިއްޔާ އިރުއޮއްސުމުގެ ކުރިން އެސޮރުމެންގެ ހާލިތައް އަތުނުވެދާނެހާ ދުރުގައި އުޅުނު ދޫނިތައްވެސް ކަނޑު ހުރަސްކުރުމަށްޓަކައި ވަނީ ދަތުރު ފަށާފައެވެ. ޖެހެމުންދިޔަ ފިނި ރޯޅިތައް ގަސްތަކަށް އެޅުމުން އިވެމުންދިޔަ ހިތްހަމަޖެހޭފަދަ ރީތި ނާނާއެއްގެ އަޑެވެ. ޖެހޭ ހިތްގައިމު ވައިރޯޅިން އުފާ ހޯދުމަށްޓަކައި ހުމޭދާ މަޑުމަޑުން ދެލޯ މަރާލިއެވެ. ހުމޭދާ ދެލޯ މަރާލައިގެން އިރުކޮޅަކު އޮތްތަނާ ކޮންމެވެސް މީހަކު ފަހަތުން އައިސް ހުމޭދާގެ ލޯމަތީގައި ދެއަތް ބާއްވާލިއެވެ.
"ކާކު...... " ހުމޭދާގެ ލޯމަތީގައި އަޅާފައިވާ ދެއަތުގައި ހިފަހައްޓާލަމުން ހުމޭދޭ ބެލިއެވެ.
ހުމޭދާ ސުވާލު ކުރުމުންވެސް އެމީހަކު ޖަވާބެއް ނުދިނެއެވެ. އަނެއްކާވެސް ކާކުތޯ ހުމޭދާ ސުވާލުކޮށްލިއެވެ. އެގަޑީގައި ގޭގައި އުޅެނީ އަޒާން އެވެ. އަނެއްކާ އަޒާން އެކަހަލަ ސަމާސާއެއް ކޮށްފާނެ ބާއެވެ. ހުމޭދާ، އޭނާގެ ލޯމަތީގައި ބާއްވާލާފައި ދެއަތް ނައްޓާލުމަށްޓަކައި މަސައްކަތް ކުރިއެވެ. ނަމަވެސް އެއީ ފިރިހެންވަންތަ ބާރުގަދަ އަތެކެވެ. އެމީހަކު މަޑުމަޑުން ހުމޭދާގެ ލޯމަތިން ދެއަތް ނެގިއެވެ. ހުމޭދާ ދިޔައީ ސިއްސައިގެނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 07 ނޮވެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް