މިސްރުގެ ޝަރްމުއްޝެއިހްގައި އޮންނަ ކޮޕް27 ގެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދަތުރުފުޅަސް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ނަޝީދު އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނަވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ ހައިސިއްޔަތުންނެވެ. އެމަނިކުފާނަކީ މި ސަމިޓަށްދާ ލަންކާ ވަފުދުގެ މެމްބަރެކެވެ.
އެކަމަށް ގިނަ ބަޔަކު ޖޯކުޖަހަމުން ދަނިކޮށް ސިޔާސީ ފަރާތްތަކުން ވަނީ އެކަމަށް ފާޑުވިދާޅުވާންވެސް ފައްޓަވާފައި އެވެ.
އެގޮތުން އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން އެހެން ގައުމެއް ތަމްސީލު ކުރައްވަން އެމަނިކުފާނު ވަޑައިގަންނެވިއިރު ރާއްޖެ ކޮބައިތޯ ސުވާލު ކުރައްވާފައި އެވެ. އަދި އެއީ އަމިއްލަ ގައުމަށް ވަފާތެރިވުންތޯ ސުވާލު އުފައްދަވައިފަ އެވެ.
މިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ތައީދު ކުރައްވާފައިވެ އެވެ.
މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓާ ހަސަން ޒިޔާއު މީޑިއާގައި ވިދާޅުވީ އެ ދަތުރުގެ ހަރަދުތައް ހަމަޖެއްސެވީ ކްލައިމެޓް ވަނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ. އަދި ދިވެހި ދައުލަތުން އެ ދަތުރުފުޅަށް އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ގިނަ ބަޔަކު ފާޑުކިޔަމުންދަނީ ބަޖެޓުން ހަރަދު ކުރުމަށް ވުރެ ނަޝީދު އެހެން ގައުމެއް ތަމްސީލް ކުރައްވަން ވަޑައިގެންނެވުމުންނެވެ. އެކަމަށް މަޖިލީހުން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އިއްޔެ މި ދަތުރުފުޅުގައި ނަޝީދު ފުރާވަޑައިގެންނެވި އިރު ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުދަ ދުވަހު އެވެ.
ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓާއި ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ސަމިޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް