މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް، ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސްރަށް ވަޑައިގެންނެވުމުން ސުވާލު އުފައްދަވާ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތާއީދު ކުރައްވައިފިއެވެ.
ޑރ. މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން އެހެން ޤައުމެއްގެ ވަފުދެއްގައި އެ ޤައުމު ތަމްސީލު ކުރެއްވުމަށް ވަޑައިގަތުން ގޯސް ކަމަށެވެ. އަދި ދިވެހި ޤައުމު ކޮބައިތޯއާއި ދިވެހި ޤައުމަށް ވަފާތެރިވުމަކީ ކޮބައިތޯ ވެސް ޑރ. މުނައްވަރު ސުވާލު ކުރައްވާފައިވެއެވެ.
ޑރ. މުނައްވަރުގެ އެ ވާހަކަފުޅަށް ތާއީދުކުރައްވައި، އެ ޓްވީޓަށް ކުރެއްވި ކޮމެންޓެއްގައި ރައީސް މައުމޫން ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށެވެ.
އަވަށްޓެރި ޝްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެމަނިކުފާނަށް ލަފާ ދެއްވާ މުޝީރަކަށް، ރައީސް ނަޝީދު ހަމަޖައްސަވާފައެވެ. މިސްރުގައި ކުރިއަށްދާ ކޮޕް27 ގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ލަންކާ ވަފުދުގެ މެންބަރެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް