ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުން ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހު ކޮންމެ ދިވެއްސެއްގެވެސް ހަނދާނަށް އަންނަ އެންމެ ޚާއްޞަ ނަމަކަށްވަނީ ޝަހީދު ޙުސައިން އާދަމްގެ ނަންފުޅު ކަމަށާއި ޝަހީދު ޙުސެއިން އާދަމް ޤައުމީ ޚިދުމަތުގައި ދެއްކެވި ހިތްވަރާއި ސާބިތު ކަމަކީ މިއަދު މުޅި ޤައުމު ފަހުރުވެރިވާ ކަމެއްކަމަށެވެ.
"ރާއްޖެއަށް ޑިމޮކްރަސީ އައުމުގެ ކުރިންވެސް ތިލަދުންމައްޗަކީ، ރައްޔިތުން ބާރުވެރިކުރުވުމުގައި އިސްނަގާ، ސަރުކާރުތައް ޒިންމާދާރުކުރުވުމަށް މަސައްކަތްކޮށް، ރައްޔިތުން އެދޭގޮތަށް ކަންކަން ގެންދިއުމަށް ބާރުއަޅާ އަޑު އުފުލިބައެއް" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ 1988ވަނަ އަހަރު ރާއްޖެއަށް ޓެރަރިސްޓުން ދިން އެ އުދުވާނީ ހަމަލާއަށްފަހު، ރާއްޖޭގެ ދިފާޢާއި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އެކި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން މިއަދު ސިފައިންނަކީ އެންމެ ޒަމާނީ ތަމްރީނުތައް ފުރިހަމަ ކޮށްފައި ތިބި ބައެއްކަން ވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް