ވަގުތުގެ ނޫސްވެރިޔާއަށް، ޝާފިއު ފުރައްސާރަކުރިކަމުގެ ހެއްކެތް ނެތް، މައްސަލަ ފައިލްކޮށްފި

އޮންލައިން ނޫސް "ވަގުތު" ގެ އަންހެން ނޫސްވެރިއަކަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު މުހައްމަދު ޝާފިއު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ ހެއްކެތް ނެތުމުން މައްސަލަ ފައިލް...

05 Nov 2022 | 09:20

އޮންލައިން ނޫސް "ވަގުތު" ގެ އަންހެން ނޫސްވެރިއަކަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު މުހައްމަދު ޝާފިއު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ ހެއްކެތް ނެތުމުން މައްސަލަ ފައިލް ކޮށްފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ވަގުތުންނެވެ. އެ ނޫހުން ތުހުމަތު ކޮށްފައިވާ ގޮތުގައި ޝާފިއު ވަނީ އެކި ދުވަސް މަތިން އެ އަންހެން މުވައްޒަފަށް މެސެޖުކޮށް، ފުރައްސާރަކޮށްފައި އެވެ. މިކަން ފެށުނީ ދާދި ފަހުން ދިވެހި ނޫސްވެރިން ރާއްޖެއިން ބޭރަށް ތަމްރީން ހޯދުމަށް ކުރި ދަތުރަކަށް ފަހު އެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅުމުން އެމްއެމްސީން ވަނީ ޝާފިއު ސަސްޕެންޑުކޮށްފައި އެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލުހުން އެ މައްސަލަ ފައިލްކޮށްފައި ވާތީ ޝާފިއުގެ ސަސްޕެންޝަން ވެސް މިހާރު އުވާލާފައިވާ ކަމަށެވެ. ޝާފިއުގެ ސަސްޕެންޝަން އުވާލީ، އޭނާގެ މައްޗަށް ތުހުމަތުވާ "މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ޖިންސީ ގޮތުން ފުރައްސާކުރި މައްސަލަ" އަށް އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައި ނެތުމުން ފުލުހުން އެ މައްސަލަ ނިންމައި ފައިލްކޮށްފައި ވާތީ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެމްއެމްސީން ބުނީ އެ މައްސަލައިގަ ހަގީގަތް ބެލުމެއް ނެތި ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުމަތައުތަކުގައި މަސައްކަތްކުރާ ގޮތް ނޫން ކަމަށެވެ. އެހެންވެ، ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައި އެވެ.

“ދުވަސް” އަށް ވަނީ ވަގުތުގެ މުވައްޒަފާއި ޝާފިއު ކޮށްފައިވާ ކަމަށް ބުނާ މުއާމަލާތްތަކުގެ ބައެއް ސްކްރީން ޝޮޓްތައް ލިބިފައި އެވެ. އޭގެން އެނގޭ ގޮތުގައި ދެމީހުންގެ ދެމެދުގައި ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެކަމަކު ފުރައްސާރަ ކުރުމުގެ ގޮތުން ކޮށްފައިވާ މެސެޖެއް ފެންނާކަށް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް