ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހުއްޓަ ނިޔާވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.
އޭނާ ނިޔާވީ މިދިޔަ މަހުގެ25 ވަނަ ދުވަހު އެވެ. ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.
އޭނާގެ ހަށިގަނޑު މާލެ ގެނެސް މިއަދު ވަނީ އާއިލާ އާއި ހަވާލުކޮށްފައި އެވެ. މަރުހޫމްގެ މައްޗަށް ކަށު ނަމާދު އޮންނާނީ މިރޭ މަގްރިބު ނަމާދަށް ފަހު އާސަރާ މިސްކިތުގައި އެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ހެދީ އާއިލާގެ ނުރުހުމުގައި އެވެ. ހަށިގަނޑު އިންޑިއާއަށް ގެންދިއުމުގެ ކުރިން އެ އާއިލާއިން ވަނީ ޕޯސްޓްމޯޓަން ހަދައިފި ނަމަ ހަށިގަނޑާއި ހަވާލު ނުވާނެ ކަމަށްވެސް ބުނެފައި އެވެ.
އެކަމަކު ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނީ ޕޯސްޓްމޯޓަމް ހަދަން ނިންމީ އިންސާފަށް ވާސިލްވުމަށް އޮތް މަގަކީ އެއީ ކަމަށްވާތީ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދީ އިޖުރާތުތަކާއި އެއްގޮތަށް ކަމަށް ބުންޏެވެ.
އުމުރުން 43 އަހަރުގެ ރަޝީދު މަރުވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން އެ އަތޮޅު މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް