ކާނިވާ ސަރަޙައްދަށް އުދަ އަރަމުންދާތީ ކައުންސިލްގެ ޓީމުން ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ރެއިން ފެށިގެން އެ ސަރަހައްދަށް ދަނީ އުދަ އަރަމުންނެވެ. އެންމެ ބޮޑަށް އުދަ އަރާފައިވަނީ މިއަދު ހެނދުނު އެވެ. އެ ސަރަހައްދަކީ އާންމުކޮށް އުދަ އަރާ މޫސުންތަކުގައި އުދަ އަރާ ސަރަހައްދެކެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އުދަ އަރައި އެ ސަރަހައްދަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވާ ކަމަށެވެ. ކައުންސިލުން ދަނީ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށް ބުންޏެވެ.
އެހެން ނަމަވެސް މަގު ސާފުކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނީ އުދަ އެރުން ކޮންޓްރޯލް ވުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އެ އިދާރާއިން ބުނީ މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު މެންދުރުފަސް ވަންދެން އެ ސަރަޙައްދަށް އުދަ އަރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އުދަ އެރުމުން ކާނިވާތެރޭގައި ހުރި ރެސްޓޯރެންޓު/ ކެފޭތައް ބަންދުކުރަން ޖެހިފައިވާއިރު އެ ސަރަހައްދުގައި އުޅަނދުތައް ޕާކުކޮށްފައި ހުރި ސަރަހައްދުތަކުގައިވެސް ވަނީ ފެންބޮޑުވެފައި އެވެ.
އަދި ގަލާއި ކުންޏާއި އެނޫންވެސް ސާމާނުން މުޅި ކާނިވާ ސަރަހައްދު އޮތީ ފުރިފަ އެވެ. އަދި ބޮޑުތަކުރުފާނު މަގަށްވެސް ކުނި ނުކުމެ ފެން ބޮޑުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް