ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ވޭލްސް (ގުރޫޕް ބީ)

ބައްރު: ޔޫރަޕް ފީފާ ރޭންކިން: 19 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1958 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 1958 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް (1958) ކޯޗު: ނަން: ރޮބް ޕޭޖް ގައުމު: ވޭލް...

05 Nov 2022 | 02:17

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 19

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1958

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 1958

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް (1958)

ކޯޗު:

ނަން: ރޮބް ޕޭޖް

ގައުމު: ވޭލްސް

އުމުރު: 48 އަހަރު

އުފަން ތާރީހު: 3 ސެޕްޓެމްބަރު 1974

ޓީމާ ހަވާލުވީ: 2020 ވަނަ އަހަރު

ވޭލްސްގެ ގައުމީޓީމާއި މިހާރު ހަވާލުވެ ހުރި ރޮބް ޕޭޖް އަކީ ވޭލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗެވެ. ވޭލްސްގެ ޓީމާއި ރޮބް ޕޭޖް ހަވާލުވީ ކުރިން ކޯޗު ކަމުގައި ހުރި ރަޔަން ގިގްސް ގެވެށި އަނިޔާގެ ތުހުމަތު ކުރެވި ވަޒީފާއިން ވަކިކުރުމުންނެވެ. ޕޭޖް ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެށީ، އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ކްލަބު ޕޯޓް ވޭލްގަ އެވެ. އޭގެ ފަހުން ތިން ވަނަ ޑިވިޝަންގެ ކްލަބު ނޯތުހެމްޓަން ޓައުންގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އިންޓަނޭޝަލް ކޯޗިން މަރުހަލާ އާ އޭނާ ގުޅުނީ، ވޭލްސް 21 އަހަރުން ދަށުގެ ޓީމުންނެވެ.

ޕޭޖް ވޭލްސްގެ ސީނިއަރ ޓީމާއި ހަވާލުވެ މިހާތަނަށް ނެރުނު ނަތީޖާތައް މާ ރަނގަޅެއް ވެސް ނޫނެވެ. އެއީ އޭނާ ހަވާލުވެ މި ވީ ދެ އަހަރުގެ ތެރޭގައި ވޭލްސް ކުޅުނު 28 މެޗުގެ ތެރެއިން މޮޅުވީ އެންމެ 10 މެޗުންނެވެ. 9 މެޗުން ބަލިވިއިރު، 9 މެޗުން ވަނީ އެއްވަރުވެފައެވެ.

މުހިންމު ކުޅުންތެރިން:

ގެރެތް ބޭލް

ވޭލްސްގެ ތަރިއަކީ މިވަގުތު އެމެރިކާ މޭޖަރ ލީގުގެ އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ ގެރެތު ބޭލް އެވެ. ރެއާލް ކުޅެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ބޭލް ވޭލްސްގެ ގައުމީޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރުގައެވެ.

ބޭލް ވޭލްސްއަށް މިހާތަނަށް 108 މެޗު ކުޅެދީފައިވާއިރު، 40 ގޯލުވެސް ވަނީ ކާމިޔާބު ކޮށްދީފައެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައި ވުމުގައިވެސް ބޭލްސްގެ ދައުރު ބޮޑެވެ.

އާރޮން ރަމްސީ

ޔޫރަޕްގެ މަޝްޙޫރު ގިނަ ކުލަބުތަކަކަށް ކުޅެފައިވާ އަދި މިހާރު ފްރާންސްގެ ނީސްއަށް ކުޅެމުން އަންނަ އާރޮން ރަމްސީ އަކީ ވޭލްސް ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު މިޑްފީލްޑަރެވެ. މިހާތަނަށް ވޯލްޑް ކަޕެއްގެ ތަޖުރިބާ ނެތްނަމަވެސް ވޯލްޑް ކަޕް ކޮލިފައިން އާއި އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގައިވެސް ރަމްސީގެ މޮޅު ކުޅުން ފެނިގެން ދިޔައެވެ. ރަމްސީ ވަނީ އޭނާ އަކީ ވޭލްސްއަށް މުހިންމު ކުޅުންތެރިއެއް ކަން ސާބިތުކޮށްދީ ކޯޗުންގެ އިތުބާރު ހޯދާފައެވެ.

ރަމްސީ ވޭލްސްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުގައެވެ. މިހާތަނަށް75 މެޗު ކުޅެދީ 20 ގޯލު ޖަހައިދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް