ޖަރުމަނު ލީގުގެ ގަދަ ދެ ބާރުގެ ގޮތުގައި ބެލެވޭ ބަޔާން މިއުނިކާއި ބްރޫޝިއާ ޑޯޓްމަންޑް ރޭ ބައްދަލު ކުރި މެޗު 3-1 އިން ބަޔާން މިއުނިކް ކާމިޔާބުކޮށް ތާވަލުގެ ކުރީގައި 4 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ބަޔާނުން ވަނީ ރޭގެ މެޗުގެ ކުރީކޮޅު 16 ވަނަ މިނިޓުގައި ލީޑު ނަގައިފައެވެ. ބަޔާނަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޖޭމްސް ރޮޑްރިގޭޒް ހުރަސް ކޮށްލި ބޯޅައަކުން އާޔެން ރޮބެން އެވެ. މި ލަނޑާއެކު ރޮބެން ވެފައިވަނީ ބަޔާން އަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ގައުމުން ބޭރު ކުޅުންތެރިޔާއަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާން މިއުނިކަށް ލީޑު ފުޅާކޮށްދިނީ ޖަރުމަނު ލީގުގެ ޓޮޕްސްކޯރަރ އަށް ވާދަކުރާ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. 37 ވަނަ މިނިޓުގައި ކިމިޗް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ޕާހުން، ލެވަންޑޯސްކީ ބެކްހީލް އިން ބޯޅަ ފޮނުވާލިއިރު، ގޯލަށް ވަނީ ޑޯޓްމަންޑްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 67 ވަނަ މިނިޓުގައި ބަޔާން އިން ވަނީ 3 ވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ އަލަބާއެވެ. މެޗުގެ ފަހު ވަގުތު 88 ވަނަ މިނިޓުގައި ޑޯޓްމަންޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބާޓްރާ އެވެ.
އެންމެ ފަހުން ކުޅުނު މެޗުންވެސް ބަލިވެފައި ވަނިކޮށް ބަޔާން އަތުން ބަލިވުމާއެކު ޑޯޓްމަންޑް ވަނީ ތާވަލުގެ 3 ވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ރޭ ކުޅުނު މެޗުން މޮޅުވެ ލިޕްޒިގް ވަނީ 22 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައަށް ޖެހިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް