ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މަޢުރަޒުގެ 20 ވަނަ މައުރަޒު، އެމްއެންޑީއެފް އިއްޔެ ހުޅުވައިފިއެވެ.
ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވުމުގެ ގޮތުން އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ ސ.އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ އިބްރާހީމްއެވެ.
މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި، ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް މި ފޮޓޯ މަޢުރަޒުގައި ހިމެނިފައިވާކަމަށާއި، މި ހުޅުވުނު ސިފައިންގެ ފޮޓޯ މަޢުރަޒާއެކު އާއިލީ ހަވީރެއް އެ ސްކޫލުގައި ކުރިއަށް ގެންގޮސްފައިވާކަމަށާއި، އިއްޔެގެ 6:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި އާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ފޮޓޯ މަޢުރަޒު ކުރިއަށް ގެންގޮސްފައިވަނީ، އިއްޔެ 16:00 އިން ފެށިގެން 18:00 އަށް، އަދި ރޭގަނޑު 20:00 އިން ފެށިގެން 22:00 އާ ހަމައަށްކަމާއި އަދި، މިއަދު މި ފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އާ ހަމައަށްކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
މި ފޮޓޯ މަޢުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައިވާއިރު، ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ކުރިއަށްދިޔަ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ އިސް އޮފިސަރުންނާއި އައްޑޫސިޓީ ހުޅުމީދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް