އާންމުކޮށް ކުޅެން ފުރުސަތު ނުލިބޭ ބާސެލޯނާގެ ފޯވާޑް ޕަކޯ އަލްކެސާ ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ސެވިއްޔާ އަތުން 2-1 އިން މޮޅުވެ، ސްޕެނިޝް ލީގުގެ މި ސީޒަންގައި ބާސާއިން ދައްކަމުން އަންނަ ރަނގަޅު ނަތީޖާ ތަކުރާރު ކޮށްފިއެވެ. މިއީ ސީޒަން ހުޅުވި މެޗަށްފަހު ބާސާގެ ފުރަތަމަ 11 ގައި އަލްކެސާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
ބާސެލޯނާއިން މެޗު ފަށައިގެން ފުލުފުލުގައި ހަމަލާތައް އުފެއްދި ނަމަވެސް ގިނަ ބޯޅަތައް ދިޔައީ ގޯލާ އަމާޒު ނުވެއެވެ. ބާސާއިން ލީޑު ނެގީ 23 ވަނަ މިނިޓުގައި އަލްކެސާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 59 ވަނަ މިނިޓުގައި ސެވިއްޔާއަށް އެއްވަރު ކޮށްދިނީ ޕިޒާރޯ އެވެ. މިއީ ބެނެގާ ނަގައިދިން ކޯނަރަކުން އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު، ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު 3 މެޗުންވެސް ބަލިވެފައި އޮތް ސެވިއްޔާއަށް ޕޮއިންޓަކުން ހިތްހަމަ ޖައްސާލެވެން އޮތް ނަމަވެސް އަލްކެސާ ވަނީ 65 ވަނަ މިނިޓުގައި ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށްދީ ބާސެލޯނާ މޮޅުކޮށްދީފައެވެ.
ރޭ ބާސެލޯނާ މެޗުގެ ކުރިން ލެގަނޭސް އަތުން 3-0 އިން މޮޅުވެ ދެ ވަނައިގައި އޮތް ވެލެންސިއާއިން ބާސާއާ އެއް ޕޮއިންޓަށް ކައިރިކޮށްފައި ވަނިކޮށް، ބާސާއިން ވަނީ ރޭގެ މެޗުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި އަނެއްކާވެސް 4 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނި ނަތީޖާއާއެކު މި ސީޒަނުގައި މިހާތަނަށް ސްޕެނިޝް ލީގުގައި ބާސާއިން ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމު ވަނީ 10 މެޗުން މޮޅުވެފައެވެ. އެއްވަރުވީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އަދި ހަމައެހެންމެ ވާދަވެރި ރިއަލް މެޑްރިޑްގެ މައްޗަށް ބާސާއަށް ވަނީ 11 ޕޮއިންޓްގެ ބޮޑު ލީޑެއްވެސް ލިބިފައެވެ. އެއް މެޗު މަދުން ކުޅެފައިވާ މެޑްރިޑުން މިރޭ އަމިއްލަ ދަނޑުގައި ލަސް ޕަލްމަސް އާ ދެކޮޅަށް ރާއްޖެ ގަޑިން 00:45 ގައި ނުކުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް