ރޯމިއޯ ޖޫލިއެޓް ހެން ލޯބިނުވާށެވެ!

ރޯމިއޯއާއި ޖޫލިއެޓްގެ ވާހަކަ ވަރަށް ގިނަ ބަޔަކަށް އެނގޭނެއެވެ. ހަމަ މިގޮތަށް ލައިލާ މަޖުނޫނުގެ ވާހަކަވެސް އެނގޭނެއެވެ. ވަރަށް ކުޑައިރުއްސުރެވެސް އަޑުއަހާނެއެވެ. އެމީހުން ލޯތްބައްޓަކައި މަރުވެދިޔަ ވާހަ...

05 Nov 2017 | 03:42

ރޯމިއޯއާއި ޖޫލިއެޓްގެ ވާހަކަ ވަރަށް ގިނަ ބަޔަކަށް އެނގޭނެއެވެ. ހަމަ މިގޮތަށް ލައިލާ މަޖުނޫނުގެ ވާހަކަވެސް އެނގޭނެއެވެ. ވަރަށް ކުޑައިރުއްސުރެވެސް އަޑުއަހާނެއެވެ. އެމީހުން ލޯތްބައްޓަކައި މަރުވެދިޔަ ވާހަކައެވެ. ލޯތްބައްޓަކައި އެކަކު އަނެކަކު ފުރާނައިން ޤުރުބާންވި ވާހަކައެވެ. އެއީ ލާމަސީލު ލޯބިވެރިންނޭ ބުނެ އެމީހުންގެ ނަންތަށް ތާރީޚުގެ ތެރޭގައި ލިޔެވިފައި ވެއެވެ.

ނަމަވެސް ހަޤީގަތަކީ ކޮބައި ތޯއެވެ؟ މިއީ އެންމެ ދެތިން ދުވަހަކު ދިމާވެގެން ލޯތްބޭ ކިޔައިގެން އުޅުނު މީހުންނެވެ. ލޯބިވާ މީހަކަށްޓަކައި ޤުރުބާނީތަކެއް ވިޔަސް އެމީހަކަށްޓަކައި މަރުވުމަކީ ހައްލުހެއްޔެވެ؟ އެއީ މިސާލު ދެއްކުންހެއްޔެވެ؟ އެކަކު މަރުވީތީ ފަހަތުން އަނެކަކު އަމިއްލަޔަށް މަރުވުމުން އެއީ ވާ ލޯބީގެ ވަރުދަގަކަން ހާމަކޮށްދެވެނީހެއްޔެވެ؟

ނޫނެކެވެ. އަސްލު ތެދުވެރި ލޯތްބަކީ އެލޯތްބައްޓަކައި ތިމާ ދިރިހުންނަން މަސައްކަތް ކުރާ ލޯތްބެވެ. އެލޯތްބައްޓަކައި ޤުރުބާނީތަކެއްވާ ލޯތްބެވެ. ލާމަސީލު ލޯތްބަކީ އެލޯބިވާ ފަރާތް ވަޅުލިނަމަވެސް، އެ ފަރާތަކަށްޓަކައި ދުނިޔޭގައި ދިރިހުރެ، ހެޔޮދުޢާ ކޮށްދީ، ސުވަރުގެ ދެއްވުމާއި އެކީ ސުވަރުގޭގައި ލެއްވުމަށްއެދި ދުޢާކުރާ މީހާ ވާ ލޯތްބެވެ. ނުވަތަ اللهއަށް ޓަކައިވާ ލޯތްބެވެ.

އަހަރުމެން ބަލަންވީ ލާމަސީލު މިސާލަކީ ބޯގޯސްވެ ކުފުރުގެ މަރަކުން މަރުވި ލޯބިވެރިންގެ ލޯތްބެއްނޫނެވެ. މިސާލަކަށް ބަލަންވީ ކީރިތި ރަސޫލާއާއި ޚަދީޖަތުގެފާނާ ދެމެދުގައި އޮތް ލޯބި ފަދަ ލޯތްބެކެވެ. އެކަކު އަނެކަކަށްޓަކައި ވޭނާއި، ކެކުޅުމާއި ފުރައްސާރަވެސް ތަހައްމަލު ކުރަން ތައްޔާރައް ހުރި ލޯތްބެވެ. އެއްދުވަހަށްފަހު އަނެއްދުވަހު ދިރިހުރުމަށް ދެމީހުން އެކީ ދިރިއުޅުމުގެ ހަނގުރާމައިގައި ބައިވެރިވާ ލޯތްބެވެ.

ކީއްވެ ހެއްޔެވެ؟ އެއީ ދިރިއުޅުމަށް ކުރާ ހަނގުރާމައަކީ މާ ބޮޑު ހަނގުރާމައަކަށް ވުމުންނެވެ. ކުފުރުގެ މަރަކުން މަރުވުމުން އާޚިރުގައި ބައްދަލުވާނީ ކިހިނެއްހެއްޔެވެ؟ ނަރަކައިން ހެއްޔެވެ؟ އެތަނުގައި އުފަލުގައި އުލޭނީ ކާކުތޯ އެވެ؟ ވީމާ ދިރިހުންނާށެވެ. ދިރިއުޅޭށެވެ. ވަކިވެ ދިޔަ މީހަކަށް ހެޔޮ ދުޢާ ކުރާށެވެ. އޭނާގެ ނަމުގައި ޞަދަޤާތް ކުރާށެވެ. އޭނާއާ އެކީ ސުވަރުގޭގައި ލެއްވުމަށް އެދި ދުޢާކުރާށެވެ. މާތް اللهއީ ގިނަގިނައިން ދުޢާ އިޖާބަ ކުރައްވާ ރަސްކަލާންގެއެވެ.

ލޯބިވާ މީހާއާއެކީ ދުނިޔޭގައިވާނަމަ ލަސްނުކޮށް ހަލާލް ގުޅުމުން އޭނާއާ ގުޅޭށެވެ. އޭނާއަށް އަދަބުވެރިވާށެވެ. އިޙުތިރާމް ކުރާށެވެ. ނާޒުކު ތުނި ބިއްލޫރިކޮޅެއް ގެންގުޅޭހެން އޭނާ ގެންގުޅޭށެވެ. އަދި އޭނާއާއެކު ދުނިޔެ އާބާދު ކުރާށެވެ. ޞާލިޙު ދަރިންތަކެއް ތަރުބިއްޔަތު ކުރާށެވެ. މިޔަށްވުރެ ބޮޑަށް ޙަޤީގީ ލޯބި ހާމަކޮށްދެވޭނީ ކިހިނެއްތޯއެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް