ރައީސް މުއިއްޒުގެ ސިޓީފުޅެއް ރައީސް ސޯލިހަށް

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ސަރުކާރާއި ހަވާލުވުމުގެ ކަންކަން ވިލަރެސް ...

05 Oct 2023 | 14:00

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ސަރުކާރާއި ހަވާލުވުމުގެ ކަންކަން ވިލަރެސް ކުރަމުން އަންނަ ކަމަށާއި މި މަސައްކަތް އޮމާންކޮށް އަވަހަށް ގެންދިއުމަށްޓަކައި ބައެއް ކަންކަމުގައި އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެލައްވާކަމަށެވެ.

އެގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓްމަންޓެއް ނުކުރުމަށާއި އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުމަށާއި އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުމަށް އެދިލައްވާފައިވެއެވެ.

އަދި ބައިނަލްއަގްވާމީ އިތުރު މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރުމަށާއި ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓެއް ނުފެށުމަށާއި އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުމަށް އެދިލައްވާފައިވެއެވެ.

ޑރ. މުއިއްޒުގެ މި ސިޓީފުޅުގައި، އިންތިހާބު ކާމިޔާބުކުރެވުމާއި ގުޅިގެން ރައީސް ސޯލިހް ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި ޝުކުރު ދަންނަވާފައިވެއެވެ. އަދި އައު ސަރުކާރާއި ހުރިހާ ބާރުތައް ހަވާލުކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެވުމަށް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށް ޔަގީންކަން ދެއްވިކަމަށްޓަކައި އެކަމަށްވެސް ޝުކުރު ދަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް