ރޭގައި ކުޑަދޮރުން ރައީސް ޔާމީން ސަޕޯޓަރުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުތަކުގައި ނުސީދާ ހަމަލާތައް ސީދާ އެ އަމާޒުކުރެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލީޑަޝިޕަށް ކަމުގައި ބެލެވެއެވެ.
އެގޮތުން ރައީސް ޔާމީން ރޭގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެއް ވާހަކަފުޅަކީ ޖަލަށް ލީމަވެސް އަދި ގެއަށް ބަދަލުކުރީމަވެސް މަގުމައްޗަށް ނިކުންނަނީ ހަމަ އާދައިގެ ރައްޔިތުންތަކެއް ކަމަށާއި ބޮޑެތި ގޮނޑިތަކުގައި ތިއްބަވާ ބޭފުޅުންނަށް އެ ފަސޭހަކަން ލިބުނީ ހަމަ ރައީސް ޔަމީނާއި އެގޮތަށް މަގުމައްޗަށް ނިކުތް އާންމު ރައްޔިތުންގެ ކުރި މަސައްކަތުންކަން ހަނދާން ނެތޭ ކަމަށެވެ.
"އިންސާނީ ތަބިއްޔަތުގައި ދެރަކަމަކަށް މިވަނީ މަގާމްތަކަށް އާދެވުނީމާ މިކަން ހަނދާން ނެތޭކަން" ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސިފައިންގެ ވާހަކަ ކުރިން ނުދައްކަވާ ތިއްބެވުމަށްފަހު ރިޔާސީ އިންތިހާބަށް ޕޯޑިއަމްތަކަށް އަރާ އެ ވާހަކަތައް ދައްކާ ހެދިކަމަށާއި ސީދާ އިންޑިއާ ސިފައިންގެ އަދަދުވެސް ހާމަކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ ވާހަކަތައް އެ ދެއްކެވީ މަގާމް ބޭނުންވީމާކަމުގައިވެސް ރައީސް ޔާމީން ސިފަކުރެއްވިއެވެ.
މީގެ އިތުރުން އާދައިގެ ރައްޔިތުންނާއެކު އެބޭބޭފުޅުންނަށް މަގުމައްޗަށް ނިކުންނަން ނުކެރެނީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ހަމަ އެހެންމަ މަގުމަތީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރައްވަން ސަޕޯޓަރުންގެ ކިބައިން ރައީސް ޔާމީން ރޭގައި އެދިލެއްވިއެވެ.
ރައީސް ޔާމީންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި ރޭގައި ފާހަގަކުރެއްވި އަނެއް ކަމަކީ ޑރ. މުއިއްޒު ހޮވުނު ދުވަހު ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްނުލުމުން އެކަން ކަމުގައި ބެލެވެއެވެ. އެވާހަކަވެސް ނުސީދާ ގޮތެއްގައި ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީނާއި ފާރިސް މައުމޫނާއި ގާސިމްވެސް ކަފާލާތުގެ ދަށުން މިނިވަންވެގެން ދިޔަ ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީނާ ޖެހުނީމާ ކަފާލާތު އެއީވެސް ހައިކޯޓަށް ދަންނަ އެއްޗަކަށް ނުވި ކަމުގައި ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ވާހަކަފުޅުތައް ނުސީދާ ގޮތެއްގައި އަމާޒު އެ ކުރައްވަނީ ސީދާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމުގައި ބެލެވޭއިރު ޕީޕީއެމް ޕީއެންސީގެ ތެރޭގައި މިހާރުއްސުރެ މަސްރަހު ހޫނުވާން ފަށާފައިވާކަމުގެ ނިޝާންތައް ފެންނަމުން އަންނަ ކަމުގައި ބެލެވެއެވެ.
އެއް ކަމަކީ މުޒާހަރާކޮށް މަގުމައްޗަށް ނިކުތުމުގެ ބަދަލުގައި ރަނގަޅު ގޮތުގައި ރައީސް ޔާމީން މިނިވަން ކުރުމުގެ ފުރުސަތު ދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހްތިޖާޖަށް ނިތުމެވެ. އަދި އަނެއް ކަމަކީ ރޭގައި ރައީސް ޔާމީން އެ ދެއްކެވި ވާހަކަފުޅުތަކެވެ.
ރައީސް ޔާމީން އެ ދެއްކެވި ވާހަކަފުޅުތަކުން މިއަދު ހެނދުނުއްސުރެ މީޑިއާއިން ސުރުހީތައް ހަދަމުން އަންނައިރު ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން މިކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ދެ ޕާޓީގެ ލީޑަޝިޕުން މިއަދު ބާއްވާނެކަން ފުރަތަމަ އިއުލާނުކުރި ޕްރެސް ކޮންފަރެންސްވެސް ވަނީ ފަސްކޮށްފައެވެ. ފަސްކުރީ ކޮން އިރަކަށް ކަމެއްވެސް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް