ވައިގެ މަގުން ދުބާއީ އިން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މި އޮކްޓޯބަރު 1 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 48 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖު ގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin)އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10.002 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާއަށް ވުރެ މައްޗަށް އަރާ ކަމަށެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް