ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އިންޓަމިލާނާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 0-1 އިން ބަލިވި މެޗުގައި ރެފްރީންގެ ނިންމުނަތަކާއި ހިތްހަމަ ނުޖެހިގެން ބާސެލޯނާއިން ޔޫއެފާއަށް މައްސަލަ ހުށައެޅުމައް ތައްޔާރު ވެއްޖެއެވެ.
ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭސް ވަނީ މި މެޗުގައި ރެފްރީންގެ ނިންމުނަތަކަށް ނުރުހުން ވެ ވަރަށް ބޮޑަށް ފާޑުކިޔާ އެކަމާއި ހިތްހަމަ ނުޖެހުން ފައުޅުކޮށްފައެވެ.
މި މެޗުގެ 67 ވަނަ މިނެޓުގައި ޑެބްލޭ ހުރަސްކުރި ބޯޅައެއް ޕެޑްރީ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ މިއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. މި ގޯލް ވީއޭއާރު ބެލުމަށް ފަހު ގޯލެއް ނޫންކަމަށް ނިންމީ ޕެޑްރީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ކުރިން އަންސޫ ފަޓީގެ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށް ބުނެއެވެ.
މި މެޗުގައި ދެވަނަ މައްސަލައެއް ފެންމަތިވީ ޕެޑްރީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅައެއް އިންޓަގެ އޭރިޔާތެރޭގައި ހުރި ޑިފެންޑަރެއްގެ އަތުގައި ބޯޅަޖެހުމުންނެވެ. ޕެނަލްޓީއަކަށް ބާސާއިން އެޕީލް ކުރި ނަމަވެސް ރެފްރީ ވަނީ އެއީ ހޭންޑް ބޯޅައެއް ނޫންކަމަށް ބަލާ ބާސާގެ މި އެޕީލް ގަބޫލް ނުކޮށް ދޫކޮށްލާފައެވެ.
މި މައްސަލާގައި ޒަވީ ރުޅިގަދަވެ މިކަމުގެ ޝަކުވާ ރެފްރީންގާތު ކުރުމުން އޭނާއަށް ވަނީ ރީނދޫކާޑުވެސް ދައްކާފައެވެ. އަދި ރެފްރީގެ އެނިންމުން ގޯސްކަމަށްބުނެ މެޗަށްފަހު ވެސް ޒަވީ ވަނީ ވާހަކަދައްކާފައެވެ.
ބާސާ ޔުނިވާސަލް އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ބާސާއިން މިހާރު އަންނަނީ މެޗުގެ އޮފިޝަލުންނާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއަސް ރަސްމީކޮށް ޝަކުވާ ހުށަހަޅަން ތައްޔާރުވަމުންނެވެ. ބާސާ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ބަލިވެފައިވާއިރު، އެޓީމަށް މޮޅު ވެވިފައިވަނީ އެންމެ މެޗަކުންނެވެ. އެހެން ކަމުން މިވަގުތު ބާސާ އޮތީ ތިން ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް