ރާއްޖޭގައި ކެސީނޯ އަޅަން ތާއީދު ނުކުރައްވާ ކަަމަށް އެންމެ ފަހުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފާއި ގުޅުވައި ކެސީނޯގެ ވާހަކަ ދެއްކުން އިތުރުވެފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭނާ ވިދާޅުވި އެއްޗަކުްނެވެ. މަހުލޫފު ވިދާޅުވީ ކެސީނޯ ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކިޔަސް އަޅުގަނޑުމެން އުޅެން ޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްލާނެ ޖާގައެއް ވެސް ނުލިބޭކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން ދީނީ އިލްމުވެރިން ވަނީ ކެސީނޯ އެޅުމަށް ތާއީދުކޮށް އެފަދަ ވާހަކަ ދައްކަވާ ވަޒީރުން މައާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. އަދި ތާއީ ކުރާ މޭރުމުން ވާހަކަ ދެއްކުމުން ތައުބާވާން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.
އިއްޔެއިން ފެށީގެން ސޯޝަލް މީޑިއާގައި ހޫނު ކަމާއި މަހުލޫފުގެ ވާހަކަ ކެވެން ފެށުމުން މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވިދާޅުވީ އޭނާ އަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން ކަމަށާއި އެކަމަށް ވަކާލާތު ނުކުރައްވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިކަމެއްވެސް ނެތް ކަމަށް ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ ކެސީނޯ އެޅުންފަދަ ކަންކަމަކީ އެ މިނިސްޓްރީގެ މަސައްކަތާ ގުޅުން ހުރި މަސައްކަތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދޭ ކަމަށެވެ.
https://twitter.com/AhmedMahloof/status/1577512899139883008
އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ކެސީނޯ އަޅާ ވާހަކަ ފެށުނީ ޔޫތް މިނިސްޓަރާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކުންނެވެ. ޖާބިރު އެއްސެވީ ރާއްޖެ ވަރަށް ހައި ކްލާސް ޓޫރިޒަމްއެއްގައި އޮންނަ އިރު ފައިދާ ނުވާ ގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ކެސީނޯތައް ހިންގަން ބޭނުންވާ ކަމަށާއި އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ކީއްވެގެންތޯ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް