ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
އޭނާގެ މައްޗަށް ކޮށްފައިވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ދައުވާތަކެވެ.
އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރީ ވެސް އެ ތުހުމަތުތަކާ ގުޅިގެން ނެވެ.
އެއީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރަން އުޅުނު ކަމަށް ބުނެ އެވެ. އެ ދައުވާތައް އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް، އޭނާ ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އަދި އެއަށްފަހު އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ.
އޭނާ ކޯޓަށް ހާޒިރު ނުވާތީ ދެ މަހަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވީނަމަވެސް ހާޒިރު ނުވާތީ، އޭނާއަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެންމެފަހުން އެ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލީ މިދިޔަ ހަފުތާގަ އެވެ.
އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލް ރެޑްނޯޓިސް ނެރުމުގެ މަސައްކަތްކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިހާތަނަށް އެކަމެއް ނުކުރެ އެވެ. އޭނާ އަދިވެސް ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް