މުދައްރިސްކަމަކީ، އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ މަތިވެރި ގަދަރުވެރި މަސައްކަތެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ މުދައްރިސުންގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މިނިސްޓަރުވެސް ހިމެނޭހެން އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށްވެސް އަދި ކުއްޖަކަށްވެސް އަޅުގަނޑުމެންގެ ފިކުރު ހޭލައްވާލައި، ފޮރިވިފައިވާ ފަންނުވެރިކަމާ ގާބިލްކަން ހާމަކޮށްދެއްވި މުދައްރިސަކާ ނުވަތަ މުދައްރިސުންނާ ބައްދަލުވެފައިވާނެކަމަށެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތައް ކުރިއަރައި ދިޔަ ސަބަބަކީ އެމީހުންނާ ދިމާވި މުދައްރިސުންކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތައް ކުރިއަރައި ދިޔަ ސަބަބަކީ، އެމީހުންނާ ދިމާވި މުދައްރިސުން. ރަނގަޅު އެތައް މުދައްރިސުންގެ އަޅާލުންތެރިކަމުގެ ހިޔާދަށުގައި އަޅުގަނޑުމެންވީކަން. މުދައްރިސްކަމަކީ، އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ، މަތިވެރި، ޤަދަރުވެރި މަސައްކަތެއް." މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ދެން މިސްރާބު ކުރެއްވީ ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމުގެ މައްޗަށެވެ.
އެގޮތުން ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް މިވަނީ ބަދަލުތަކެއް ގެންނާންޖެހިފައި ކަމާއި އިހުގައި ޗޯކާއި ބޯޑުން ފުދުނުކަމުގައިވިޔަސް އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރު ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އަދި އިހުގައި ކިލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައި ކަމާއި ދަރިވަރުންގެ ސަމާލުކަން ހޯދުމަށް މުދައްރިސުން ވާދަކުރަން ޖެހިފައިވަނީ ތަފާތުކުލަތައް އަރައިފައިބަމުންދާ އިސްކިރީންތަކާ ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މައުލޫގައި މިނިސްޓަރު އިތުރަށް ވިދާޅުވީ ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ މުދައްރިސުންކަން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެއްވައިފި ކަމަށެވެ. ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓައިލާން ޖެހިދާނެކަމުގެ ބިރުވެރިކަން ކުރިމަތިވީ ހިނދު ކިލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ޚިޔާރުކުރީ
“The transformation of education begins with teacher”
"ތައުލީމީ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާއި ހަމައިން" މި ޝިޔާރެވެ.
މި ޝިޔާރު ހިޔާރު ކުރީވެސް ކޮވިޑުގެ ދަތި ހާލަތުގައިވެސް މުދައްރިސުން ވީ ގުރުބާނީ އަގު ވަޒަންކުރުމުގެ ގޮތުން ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް