ޖުވާ ހަލާލުކަމަށް ގަބޫލުކުރާ ފަރާތްތަކުން ތައުބާ ވާންޖެހޭ: ޑރ. އިޔާޒް

ޖުވާ ހަލާލުކަމަށް ގަބޫލުކުރާ ފަރާތްތަކުން ތައުބާވާން ޖެހޭކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ކެސީނޯ ލައިސަންސް ދިނުމަށް ރާއްޖޭގެ އެއްވެސް ގަވައިދަކުން މަނާ ނުކުރާކަމަށް ...

05 Oct 2022 | 03:17

ޖުވާ ހަލާލުކަމަށް ގަބޫލުކުރާ ފަރާތްތަކުން ތައުބާވާން ޖެހޭކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ކެސީނޯ ލައިސަންސް ދިނުމަށް ރާއްޖޭގެ އެއްވެސް ގަވައިދަކުން މަނާ ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވާއިރު އެފަދަ ފަރާތްތައް ތައުބާ ވާންޖެހޭކަމުގައި ޑރ. އިޔާޒް ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ޖުވާއަކީ ޤުރްއާނާއި ސުންނަތުން އަދި އިޖްމާއިން ހަރާމް އެއްޗެއްކަން އެނގޭކަމަށެވެ.

"ކަނޑައެޅިގެން ހަރާމް އެއްޗެއް ހަލާލު އެއްޗެއްގެ ގޮތުގައި ގަބޫލުކުރުމަކީ އެމީހަކު ދީނުން ބޭރުވެދާފަދަ ނުރައްކާތެރިކަމެއް، އެފަދަ ބޭފުޅުން ތައުބާވާންޖެހޭ" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހަމަ މި މައުލޫގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ވަޒީރުންނާއި އެނޫންވެސް އެ ފެންވަރުގެ ބޭފުޅުން މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރައްވާ ހުވާގައި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތަން އޮންނާނެކަމަށެވެ. ވީއިރު ކެސީނޯ ފަދަ ހަރާމްކަމެއް ތައާރަފްކުރަން ގޮވާލައްވައިފި ބޭފުޅަކު ހުވަޔާއި ހިލާފުވިކަމުގެ ކައްފާރާ ދައްކަންޖެހޭކަމުގައި ވިދާޅުވެފައިވެއެވެ.

"ހުވަޔާ ހިލާފުވުމުގެ ކައްފާރާއަކީ 10 މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރުން، މިއިން ކަމަކަށް ނުކުޅެދިއްޖެނަމަ ތިން ދުވަހު ރޯދަ ހިފުން" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ކެސީނޯއަށް ހުއްދަ ދިނުމަށް ރާއްޖޭގެ އެއްވެސް ގަވާއިދަކުން މަނާ ނުކުރާކަމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޔޫތު މިނިސްޓަރު މަހްލޫފާ ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

ޖާބިރު ވިދާޅުވީ އަޅުގަނޑުމެންގެ ރާއްޖެ ވަރަށް ހައި ކްލާސް ޓޫރިޒަމްއެއްގައި އޮންނަ އިރު ފައިދާ ނުވާ ގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ކެސީނޯތައް ހިންގަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ކީއްވެގެންތޯ މިނިސްޓަރު ކުރެން ޖާބިރު ސުވާލު ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް