އަފްގާނަށް އިންސާނީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ތޯލިބާނުންނާއި މަޝްވަރާ ކޮށްފި

އަފްގާނިސްތާނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންތަކެއް ތޯލިބާނުންގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ. މި ބައްދަލުވުން ބޭ...

05 Oct 2021 | 15:27

އަފްގާނިސްތާނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންތަކެއް ތޯލިބާނުންގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މި ބައްދަލުވުން ބޭއްވީ އަފްގާންގެ ވެރިރަށް ކާބުލްގައި އެވެ. މިއީ އެގައުމުގެ އިނގިރޭސި އެމްބަސީގެ ހުރިހާ މުވައްޒަފުންނާއި ސަފީރު ގައުމުން ބޭރުވާން އެންގުމުން އެ ގައުމު ދޫކޮށްދިޔަ ފަހުން ތޯލިބާނުންގެ ވެރިކަމުގައި އިނގިރޭސި ވަފުދެއް އެ ގައުމަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ފަރާތުން ބައިވެރިވެފައިވަނީ އަފްގާނުގައި ތިބި އިނގިރޭސި ސިފައިން ހުސް ކުރުމަށް ކުރިޔަށް ގެންދިޔަ މިޝަންގެ ވެރިއެއްގެ ގޮތުގައި އެ ގައުމުގެ ބޮޑުވަޒީރު ކަނޑައެޅުއްވި މަންދޫބު ސިމޯން ގާސް އާއި މިހާރު ގަތަރުގެ ވެރިރަށް ދޯހާގައި ގާއިމްވެ ތިބި އަފްގާންގައި ތިބި އިނގިރޭސި އެމްބަސީ މުވައްޒަފުންގެ އިސްވެރިއެއްގެ ގޮތުން ޑރ. މާޓިން ލޯންގްޑަން އެވެ.

ތޯލިބާނުންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އާމިރް ހާން އާއި ބޮޑުވަޒީރުގެ ދެ ނައިބުން ކަމަށްވާ މުއްލާ އަބްދުލްގަނީ އާއި އަބްދުއް ސަލާމް ހަނަފީ އެވެ.

މި މަޝްވަރާ އާއި ގުޅޭގޮތުން އިނގިރޭސި އޮފިޝަލުން ބުނީ އެގައުމުގައި އާންމު ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ދިރިއުޅުމުގެ ދަތިތަކުން އަރައިގަތުމަށް ބޭނުންވާ އިންސާނީ އެހީ ބޭނުންވާ ގޮތްތަކާއި ފޯރުކޮށްދިނުމުގައި އަމަލު ކުރަންވީ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އަފްގާން ރައްޔިތުންގެ ތެރެއިން ގައުމު ދޫކޮށް ދާން ބޭނުންވާ ރައްޔިތުންނަށް އޮތް ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް ބުންޏެވެ.

މީގެ އިތުރުން ތާލިބާނުންގެ ވަގުތީ ސަރުކާރުން އަންހެނުންނާއި މެދު އަމަލު ކުރަމުންދާ ގޮތާއި ގެންގުޅެމުންދާ ތަފާތު ކުރުންތައް ނައްތާލުމަށް ގޮވާލާ ވާހަކަދެއްކި ކަމަށް ބުނެ އެވެ.

ތޯލިބާނުންނާއި އެކު މަޝްވަރާ ކުރިޔަސް އިނގިރޭސިވިލާތުން އަފްގާނަށް ފޯރުކޮށްދޭ އިންސާނީ ވަސީލަތްތައް ތޯލިބާނުން މެދުވެރިކޮށް ފޯރުކޮށް ނުދޭނެ ކަމަށްވެ އެވެ. އެގައުމުން އެ މަސައްކަތް ކުރާނީ އަފްގާންގައި މަސައްކަތް ކުރާ އަމިއްލަ ޖަމާއަތްތަކާއި ގުޅިގެންނެވެ. އަދި މި މަޝްވަރާ އަކީ އެގައުމުން ތޯލިބާނުންގެ ސަރުކާރު ބަލައި ގެންނަން ނިންމާފައިވާތީ ބޭއްވި ބާއްދަލުވުމެއް ނޫން ކަމަށް ބުންޏެވެ.

ތޯލިބާނުން ވަނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ބުނެފަ އެވެ. އެ ޖަމާއަތުން ބުނީ އިނގިރޭސިވިލާތުން އާ ފެށުމަކުން އެ ގައުމާއި ގުޅުން ބަދަހި ކުރަންޖެހޭ ކަމަށާއި އެހެން ގައުމުތަކުންވެސް އެ އުސޫލުގެ ތެރެއިން ގުޅުން ބަދަހި ކުރަން ފަށަން ޖެހޭ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް