އެޗްއާރްސީއެމުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިން ޒިޔާރަތެއް ކޮށްފި

ހިއުމަންރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް) ގެ ނޭޝަނަލް ޕްރޮވެންޓިވް މެކޭނިޒަމްއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް 2021 އޮކްޓޯބަރު ތިނެއް ގައި މޮނިޓަރިންގް ޒިޔާރަތެއްކޮށްފިއެވެ. އެޗްއާރްސީއެމް އިން ހާމ...

05 Oct 2021 | 14:34

ހިއުމަންރައިޓްސް ކޮމިޝަން(އެޗްއާރްސީއެމް) ގެ ނޭޝަނަލް ޕްރޮވެންޓިވް މެކޭނިޒަމްއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް 2021 އޮކްޓޯބަރު ތިނެއް ގައި މޮނިޓަރިންގް ޒިޔާރަތެއްކޮށްފިއެވެ.

އެޗްއާރްސީއެމް އިން ހާމަ ކުރައްވާ ގޮތުގައި މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުގައި ތިބި މީހުންނާއިމެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، މި ސްޓޭޝަނުގައި ބަންދު މީހުންނާއިމެދު ހިނގާފާނޭ އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އެފަދަ ޢަމަލަކަށް މަގުފަހިވާފަދަ ކަމެއްހުރިތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެސެންޓަރުގައި ޙިދުމަތް ފޯރުކޮށްދޭތޯ ބެލުން ކަމުގައި ބުނެފައިވެއެެވެ.

މީގެއިތުރުން އެސްޓޭޝަނުގައި މަަސައްކަތްކުރައްވާ މުވައްޒަފުނަށް ދިމާވާދަތިތަކާއި، މިފަދަ މާޙައުލެއްގައި މަަސައްކަތް ކުރާއިރު ރާއްޖޭގެ ޤާނޫނުއަސާސީ އާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން މުވައްޒަފުންނަށް ލިބިދޭތޯބެލުން ހިމެނެއެވެ. އަދި އެ ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާންމު ޙާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުންވެސް އެ ޒިޔާރަތުގެ މަޤްސަދުގެތެރޭގައި ހިމެނޭކަމަށް ހާމަކޮށްފައިވެއެވެ.

އިތުރަށް ހާމަކުރެއްވި  ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ޙާލަތުގައި މިފަދަ ތަންތަނުގައި މަަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ޙިދުމަތްތައް ދެނެގަތުމަކީވެސް އެ ޒިޔާރަތުގެ މަޤްސަދެކެވެ.

މި ޒިޔާރަތަށްފަހު އެޗްއާރްސީއެމް އިން ވިދާޅުވިގޮތުގައި ފާހަގަކުރެވުނު ކަންކަން ހިމެނޭ އަވަސް ކަރުދާހެއް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި، ދިވެހި ފުލުހުންގެ ޙިދުމަތާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ޙިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވަނީ ހަމަޖެހިފަައެވެ.

ފާހަގަކުރެވޭގޮތުގައި މިއީ އެޗްއާރްސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މިއަހަރު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކުރާ ދެވަނަ ޒިޔާރަތެވެ. މީގެއިތުރުން 2014 ޖަަނަވަރީ 22 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއްކޮށް، ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗައް ރިޢާޔަތްކޮށް، އިސްލާޙުކުރުމަށް ނުވަ ހުށަހެޅުމެއް ކަމާގުޅޭ އިދާރާއަށް ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް