މިނިސްޓަރު އަމީރުގެ އިންޒާރެއް: މަޝްރޫއުތައް ލަސްވާނަމަ ފިޔަވަޅު އަޅާނަން!

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ނުފެށި، ލަސްވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވައިފި އެވެ. ވަރލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕަރފޯ...

05 Oct 2021 | 10:01

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ނުފެށި، ލަސްވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވައިފި އެވެ.

ވަރލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕަރފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކަނޑައަޅާ ޓައިމްލައިންތަކާ އެއްގޮތަށް މަސައްކަތްތައް ކުރެވި، މަޝްރޫއުތައް ނިންމަން ޖެހޭ ކަމަށެވެ.

އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން އެގޮތަށް ނުވާނަމަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ)ގައި ތިބޭ މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުންނާ އެމަޝްރޫއެއް ހިންގަން ހަވާލު ކުރާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ގެންނަން ޖެހޭ މުހިންމު ބަދަލެއް ކަމަށާއި، މިބަދަލު ނުގެންނަ ކަމަށްވާނަމަ މަޝްރޫއު ހިންގަން ހަވާލުކުރާ މީހުންނަށް އެކަމުގެ މުހިއްމު ކަމެއް ނުވިސްނޭނެ ކަމަށެވެ. އަދި ފިޔަވަޅެއް ނާޅާނަމަ އެ މީހުން ކޮންމެ މަހެއްގެ މުސާރަ ނަގައިގެން އެގޮތުގައި ތިބޭނެ ކަމަށާއި، އެކަން އާއްމުކަމެއްގެ ގޮތުގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަޝްރޫއުތައް ހިންގުމުގައި ވަރލްޑް ބޭންކްގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް