ދަރިވަރުންގެ ކިބައިގައި ރަނގަޅު އަހުލާގު އަށަގެންނެވުމަށް މުދައްރިސުން ކުރައްވާ މަސައްކަތަށް ނައިބު ރައީސްގެ ޝުކުރު

ދަރިވަރުންގެ ކިބައިގައި ރަނގަޅު އަހުލާގު އަށަގެންނެވުމަށް މުދައްރިސުން ކުރައްވާ މަސައްކަތަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ، ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބ...

05 Oct 2021 | 08:23

ދަރިވަރުންގެ ކިބައިގައި ރަނގަޅު އަހުލާގު އަށަގެންނެވުމަށް މުދައްރިސުން ކުރައްވާ މަސައްކަތަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ،

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަރިވަރުންގެ ކިބައިގައި ރަނގަޅު އަހުލާގާއި އާދަތައް އަށަގެންނެވުމަށް މުދައްރިސުން ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ގައުމުގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ މިއަދު ވިދާޅުވެފައެވެ،

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުދައްރިސުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ޤައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަޤީންވާކަމުގައި ވިދާޅުވެފައެވެ.

https://twitter.com/FaisalNasym/status/1445263910848761858

ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޖްތަމަޢަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް، މުދައްރިސުން އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ވާޖިބެއްކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމަޢުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި ވެސް މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ތަޢުލީމީ ޢުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނާލުމަށް ބާރުއަޅުއްވާފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި ޢަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ، ޤައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން ޚިޠާބުގައި އެމަނިކުފާނު ވަނީ މުޖުތަމަޢުގެ ނޭދެވޭކަންކަން އިސްލާހުކުރުމަށް، ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަޚުލާޤާއި، އިޖްތިމާޢީ އަދަބު އިޙްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް