ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ މަސައްކަތުގެ ހިތަކީ، ނުވަތަ ރޫޙަކީ މުދައްރިސްކަން އެޑިކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދުފާހަގަކުރާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގަ އެވެ.
މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވީ ކަމެއް އިހު އޮތްގޮތަށް އިޢާދަކުރަން ޖެހޭނީ، އެކަމަކަށް ހީނަރުކަމެއް އައުމުން ކަމަށެވެ. އަދި ބަލިކަށިކަމެއް ލިބުމުން ކަމަށެވެ.
"ކޮވިޑް ރޯގާގެ ސަބަބުން ކިޔަވައިދިނުން އެތައް ދުވަހަކަށް މެދުކެނޑިފައިވޭ. އިންޓަރނެޓާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަން މުދައްރިސުން ފާހަގަކުރޭ. މި މައްސަލަ ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެސް މެދުވެރިވެފައިވޭ." ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ދަތި ޙާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުން ކަމަށާއި ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުން ކަމަށެވެ.
ކޮވިޑާއި ގުޅިގެން ޞިއްޙީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިޙްތިފާލު ކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަކުރުމަކީ ލާޒިމްކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގަ އެވެ.
މިއަހަރުގެ މިދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ ހިތަކީ މުދައްރިސުން“ މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް