ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާ ރ. ވާދޫ ސްކޫލްގެ ދަރިވަރުން މިއަދު ފޮނުވީ ތަފާތު ވީޑިއޯ މެސެޖަކުން ނެވެ.
ވާދޫ ސްކޫލްގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ މި ވީޑިއޯ އިން ފުރަތަމަ ފެންނަނީ ވާދޫ ސްކޫލްގެ ރަސްމީ ޔުނީފޯމްގައި ހުރެ އެ ސްކޫލްގެ ގްރޭޑް-10ގެ ދަރިވަރަު އައިމިނަތު ރަފާ ދޭ ޚާއްސަ މެސެޖެކެވެ. ރަފާގެ މެސެޖްގައި ވަނީ މުުދައްރިސުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ދެން ފެނިގެންދަނީ ރ. ވާދޫ ތުނޑީ ސަރަހައްދު މޫދުމް ފިންސާ މާސްކް އަޅައިގެން ފަތާފައި އެއްގަމަށް އެރި ގްޜޭޑް-7ގެ ދަރިވަރު މުހައްމަދު ލަޔާންގެ މެސެޖެކެވެ. ވާދޫ ތުނޑީ ސަރަހައްދުން ލަޔާން ބުނީ، ވަށައިގެން ކަނޑު އޮތް ގައުމެއްގައި އަމިއްލަ ސަލަމާތަކާއި ރައްކާތެރިކަން ހޯދޭނެ ގޮތް ދަސްކޮށްދެއްވީ މުދައްރިސުން ކަމަށެވެ.
https://www.facebook.com/rvaadhooschool/videos/1754052991451643
ދެން ފެނިގެންދަނީ ވެދަރ ފޯކާސްޓަރެއްގެ ގޮތުގައި، ގްރޭޑް-9ގެ ދަރިވަރު އިފާ އިސްމާއިލްގެ މެސެޖެކެވެ. މޫސުން ކުރިއަށް ލަފާކުރާ ގޮތް ހުށައެޅުމަށް ފަހު އިފާ ބުނީ "އަޅުގަނޑު އަޅުގަނޑަކަށް ހަދައިދިނީ މުދައްރިސުން" ކަމަށެވެ.
ވީޑިއޯގެ މިހާ ހިސާބުން ފެނިގެންދަނީ ބަދިގެ ތެރޭގައި ކެއްކުމުގައި އަވަދި އުޅޭތީ ގްރޭޑް-9ގެ ދަރިވަރު އައިޝަތު ލައިޝާ އެވެ. ލައިޝާ ބުނަނީ ގެވެށި ދިރިއުޅުން ދަސްކޮށްދިނީ މުދައްރިސުން ކަމަށެވެ. އަދި ކާނާ ރޯފިލުވަން ދަސްކޮށްދިނީ ވެސް ހަމަ މުދައްރިސުން ކަމަށެވެ.
މިހާ ހިސާބުން ފަންގިވިނުމުގައި އަވަދިވެ އިން ގްރޭޑް-8ގެ ދަރިވަރު މަރިޔަމް މައިޝާގެ މެސެޖެވެ. އުނގެނުމަކީ ހަމައެކަނި ފޮތާއި ގަލަމުން ހާސިލްވާނެ އެއްޗެއް ނޫން ކަމަށާއި ފަންގިވިނުން ފަދަ އެތައް ކަމެއް މުދައްރިސުންގެ ފަރާތުން ދަސްވެއްޖެ ކަމަށް މައިޝާ ބުންޏެވެ.
މީގެ އިތުރުން، ރ. ވާދޫ ހުކުރު މިސްކިތުން ނަމާދުކޮށްފައި ނުކުތް ގްރޭޑް-8ގެ ދަރިވަރު އަހުމަދު ޝިޒާންގެ މެސެޖުގައި ބުނީ މާތްވެގެންވާ ރީތި ސިފަތަކާއި އުސޫލުތަކާއި އަޅުކަމުގެ އަޚުލާގު ދަސްކޮށްދެއްވި މުދައްރިސުންނަށް ޝުކުރިއްޔާ ކަމަށެވެ.
ދެން ފެނިގެންދަނީ ގްރޭޑް-9ގެ ދަރިވަރު ޒައިދު ބިންއިބްރާހިމްގެ ފުޓްބޯޅައިގެ ހުނަރެވެ. ޒައިދު ދިން މެސެޖަކީ "ދަނޑަށް ފަރިތަކޮށް ލޯ ހުޅުވައިދިނީ މުދައްރިސުން" މިއެވެ.
ވީޑިއޯގައި ދެން ފެންނަނީ އަލިފްދާލްގެ އާންމު މަޖިލީހުގެ މޮޑެލް އެސެމްބްލީގައި ގްރޭޑް-9ގެ ދަރިވަރު އުލްފާ އަބްދުލް މަތީން އެޑްރެސްކުރާ މަންޒަރެވެ. އެއަށް ފަހު އުލްފާ ދިން މެސެޖަކީ އަމިއްލަ ނަފުސަށް އިތުބާރު ބޮޑުވެ ކަންކަމުގައި ކުރިމަތިލުމުގެ ހިތްވަރު ދިނީ މުދައްރިސުން ކަމަށެވެ.
ކޮންމެއަކަސް ތަފާތު ވީޑީއޯއެކެވެ، މެސެޖުތައް ދީފައި ހުރީ މުނާސަބު ގޮތަކަށެވެ. ޕްރޮޑަކްޝަން އަށް ހަމަ 100 އެވެ. ޓީޗަރުންނަށް ދޭން މިއަށް ވުރެ ބޮޑު އަދި އަގު ހުރި ހަދިޔާ އަކީ ކޮބާ ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް