މިއަހަރުގެ 3 ވަނަ ކުއާޓަރގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް ހާމަކޮށްފި

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް ހާމަކޮށްފި އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އެހީވަނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް ...

05 Oct 2021 | 06:30

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ރަށްތައް ހާމަކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އެހީވަނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ނެވެ.

އެގޮތުން ބޭންކުން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ތިންވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓަށް މިއަހަރު ހޮވިފައިވަނީ:

  1. ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން.
  2. ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން
  3. ވ. ފެލިދޫގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން
  4. ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުން
  5. ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުން

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން." ސައީދު ވިދާޅުވި އެވެ.

މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް