ރައީސް ޔާމިން ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެދީފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްުޔޫމް ދައުލަތަށް ދައްކަން ކަނޑައެޅި 5،000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރު ހޯދުމާއިގުޅޭ މައްސަލަތައް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގަވައިފި އެވެ. މިއ...

05 Oct 2021 | 06:15

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްުޔޫމް ދައުލަތަށް ދައްކަން ކަނޑައެޅި 5،000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރު ހޯދުމާއިގުޅޭ މައްސަލަތައް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގަވައިފި އެވެ.

މިއީ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް، މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އެންގި ފައިސާ އެވެ.

ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ތާއީދުކޮށްފަ އެވެ.

އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށް ދިނުމަށް އަދި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އެ ދެ އަމުރާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދުގެ އަޑުއެހުން ފެއްޓެވުމުން ބެންޗުން ވަނީ ނިންމި ގޮތް އިއުލާނު ކުރައްވައިފަ އެވެ.

ބެންޗުން ނިންމީ، މި މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން ދޫނުކުރެވޭނެ ކަމަށެވެ.

ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުުރުމުގެ އަމުރެއް ނެރެދީފައިވާއިރު، ޖޫރިމަނާގެ 5 މިލިއަން ޑޮލަރު ނުދައްކައިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް، ދެން އެ ފައިސާ ނެގޭނީ ސުޕްރީމް ކޯޓުން ޔާމީންގެ ހުކުމުގެ މައްސަލަ ނިންމާ ގޮތަކުން ނެވެ.

3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ޔާމީނުގެ ޙުކުމުގެ ފައިސާ ހޯދުމުގެ ކަންކަން އެއްވެސް ކޯޓެއްގައި ކުރިއަށް ގެންގޮސް ގޮތެއް ނިންމަވައިފިނަމަ، ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު މައްސަލައަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

ވުމާއެކު ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ކޯޓެއްގައި އަދި ދައުލަތުގެ އެއްވެސް އިދާރާއެއްގައި މައްސަލައެއް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައިރައީސް ޔާމީންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.

ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމާފައިވާއިރު، އެމަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެއީ ކޯވިޑް-19 ބަލި ފެތުރޭތީ އާޢި އެމަނިކުފާނުގެ ސިއްހީ ހާލަތަށް ބަލާފައި ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.

ރައީސް ޔާމީން ޖަލަށްލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ސާބިތުވުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް