މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 5 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދޫނުކުރަން މިއަދު ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ޔާމީން 5 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް އަދި ހުކުމް ތަންފީޒު ކުރުން 5 ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.
އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އެ ދެ އަމުރާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދުގެ އަޑުއެހުން ފެއްޓެވުމުން ބެންޗުން ވަނީ ނިންމި ގޮތް އިއުލާނު ކުރައްވައިފަ އެވެ.
ބެންޗުން ނިންމީ، މި މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން ދޫނުކުރެވޭނެ ކަމަށެވެ.
ޖޫރިމަނާ ފައިސާ ދެއްކުން 5 ކުުރުމުގެ އަމުރެއް ނެދީފައިވާއިރު، ޖޫރިމަނާގެ 5 މިލިއަން ޑޮލަރު ނުދައްކައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް، ދެން އެ ފައިސާ ނެގޭނީ ސުޕްރީމް ކޯޓުން ޔާމީންގެ ހުކުމުގެ މައްސަލަ ނިންމާ ގޮތަކުންނެވެ.
ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.
ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމާފައިވާއިރު، އެމަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެއީ ކޯވިޑް-19 ބަލި ފެތުރޭތީ އާޢި އެމަނިކުފާނުގެ ސިއްހީ ހާލަތަށް ބަލާފައި ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.
ޔާމީން ޖަލަށްލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް