މުޖުތަމަޢުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ރޯލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ އެވެ.
މި ޚިތާބުގައި ރައީސް ވިދާޅުވީ ޤައުމުގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުދައްރިސުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ޤައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަން ޔަޤީންވާކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
މި ޚިޠާބުގައި ރައީސް ޞާލިޙް ވަނީ މުޖްތަމަޢަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް، މުދައްރިސުން އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ވާޖިބެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މުޖުތަމަޢުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި ވެސް މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
އެމަނިކުފާނު ވަނީ ތަޢުލީމީ ޢުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުމަށް ބާރުއަޅުއްވާފަ އެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި ޢަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ، ޤައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
މީގެ އިތުރުން މިއަދުގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މުޖުތަމަޢުގެ ނޭދެވޭކަންކަން އިސްލާހުކުރުމަށް، ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަޚުލާޤާއި، އިޖްތިމާޢީ އަދަބު އިޙްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް