އެސްއޯއެފްއާ އެކު ދައުލަތުން އެއްބަސްވުން ހެދުމާއި ދައުވާ ނުކުރަން ނިންމުން ޓްރާންސްޕޭރެންސީން ކުށްވެރި ކޮށްފި

އެމް.އެމް.ޕީ.އާރް.ސީ ގެ ޙިޔާނާތުގެ މައްސަލަ ހާމަކަންބޮޑުގޮތެއްގައި ތަހުޤީޤުކޮށް ރައްޔިތުންނަށް އޮޅުވާލައިފައިވާ އޮޅުވާލުންތައް ސަރުކާރުން އިސްނަގައިގެން ރައްޔިތުންނަށް ހާމަކޮށްދޭން ޓްރާންސްޕޭރެންސީ މޯ...

05 Oct 2021 | 04:11

އެމް.އެމް.ޕީ.އާރް.ސީ ގެ ޙިޔާނާތުގެ މައްސަލަ ހާމަކަންބޮޑުގޮތެއްގައި ތަހުޤީޤުކޮށް ރައްޔިތުންނަށް އޮޅުވާލައިފައިވާ އޮޅުވާލުންތައް ސަރުކާރުން އިސްނަގައިގެން ރައްޔިތުންނަށް ހާމަކޮށްދޭން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން 27 ސެޕްޓެމްބަރު 2021 ވަނަ ދުވަހު ސްޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލު ވަނީ މޯލްޑިވިއަން މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ (އެމް.އެމް.ޕީ.އާރް.ސީގެ) ހިޔާނަތުގެ މައްސަލައިގައި ޝާމިލްވާ އަމިއްލަ ކުންފުންޏެއްކަމުގައިވާ އެސް.އެފް.އޯގެ މައްޗައް ދަޢުލަތުން ދައުވާ ނުކުރުަމަށް ނިންމާފައިވާކަން އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަދި މިޚަބަރާއި ގުޅިގެން 28 ސެޕްޓެމްބަރު 2021 ގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެއޮފީހުން އެސް.އެފް.އޯގެ އިސްވެރިންގެ މައްޗައް ދައުވާ ނުކުރުމަށް ނިންމާފައި ނުވާނެކަމަށާއި އެހެންނަމަވެސް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމްގެ ދައުރުގައި އެސް.އެފް.އޯގެ މައްޗަށް ދައުވާނުކުރަން އެއްބަސްވުމެއް ވެފައިވާކަން ހާމަކޮށްފައިވެއެވެ.

އެހެންކަމުން ކޮރަޕްޝަނުގެ އަމަލެއް ހިންގުމުގައި ބައިވެރިވި ފަޜާތްތަކަކާއިއެކު މިފަދަ އެއްބަސްވުމެއް އެއްވެސް އިރެއްގައި ވެފައިވުމަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނުހަނު ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއްކަން އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ. ދިވެހިރާއްޖޭގެ މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ފަރާތްތަކާއި އެކު މިފަދަ އެއްބަސްވުމެއް މަނީ ލޯންޑަރިންގެ ކުށުގައި  އެއްވެސް ގޮތަަކަށް އެހީވެ ޖާމިނުވަ ފަރާތްތަކުގެ މައްޗައް ހުކުމްތަކެއް ސާފުކޮށް ބަޔަންކޮށްފައިވަނިކޮށް މިފަދައިން މުޅި ކުށުން ބަރީއަވާފަދަ އެއްބަސްވުމެއް ހެދުމަށް ޤާނޫނުން ތަންދެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދާފައިވެއެވެ.

އިތުރަށް ހާމަކޮށްފައިވަ ގޮތުގައި ދިވެހިންގެ މުދަލުން އެތައް ރަށަކާއި ފަޅުތަކެއް ނަހަމަ ގޮތުގައި އަދި ނުއަގުގައި ވިއްކައިގެން ދައުލަތުގެ މާލިއްޔަތައް ވަންނަންޖެހޭ 3.4 ބިލިއަން ދިވެހިރުފިޔާގެ މި ޙިޔާނަތުގައި ޝާމިލްވާ އެއްވެސް ބަޔަކަށް ޤާނޫނުގައި  ކަނޑައެޅިފައިވާ އެއްވެސް އަދަބެއް ނުލިބޭނެގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިހުން އެއްބަސްވުން ނުވަތަ އެއްބަސްވުމެއްގެ ޚިޔާލު ގެންގުޅުމަކީވެސް އެޖަމިއްޔާ އަށް އެއްގޮތަކަށްވެސް ބަލައި ގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

އަދި މި ބޮޑު ޖަރީމާ ފަޅާ އެރިފަހުން  އަށް އަހަރުވުމާއި ގާތްވެފައިވާއިރު ވެސް އެސް.އޯ.އެފް. މެދުވެރިކޮށް ދިވެހިންގެ އަތުން ފޭރިގަތްކަމަށް ލިޔެކިޔުމުން ފެންނަންހުރި ފައިސާ ހޯދުމަށާއި، އެކަމުގައި ޝާމިލުވާފަރާތްތަކާއި، އެސް.އޯ.އެފްގެ އިސްވެރިންނަށްވެސް އެއްވެސްކަަހަލަ ޝަރީއަތެއް ހިންގާ ނަތިޖާ ނުނެރެވި ވާއިރު، އެހެނިހެން ގޮތްގޮތުން ގެއްލުވާލެވުނު ފައިސާ ހޯދުމުގައި އެއްބަސްވުމެއް އެކުލަވާލައިފައިވާތީވެ މަގްސަދާއިމެދު ސުވާލު އުފައްދާފައިވެއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތައްހޯދާ، ތަހުގީގުކޮށް، އަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ބޮޑެތި ލަސްވުންތަކެއް ވަމުންދިއުންފާހަގަކޮށް ދިވެހި ރައުސްމާލުން ގެއްލުނު ފައިސާއާއި ނުހައްގު ގޮތުގައި ދޫކުރި ރަށްތަކައި ފަޅުތައް އަނބުރާ ހޯދުމުުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައިފައިވެއެވެ.

އަދި މި ޙިޔާނަތް ތަހުޤީޤުކުރުމާއި، މިކަމުގައި ޝާމިލްވާފަރާތްތައް އެކުލެވޭ އެއްބަސްވުންތަކުގެ ހާމަކަން ކުޑަކަމާއި، އެފަދަ އެއްބަސްވުންތަކުގެ ނިޔަތަކީ ކޮބައިކަމައި، އެއިގެ ފައިދާ އަސްލު ލިބޭ ފަރާތްތަކަކީ ކޮބައިކަން ސިއްރު ކުރެވިފައި އޮތަކަމީ އެ ޖަމިއްޔާއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއްކަން ވިދާޅުވެފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ކަންތައްތައް ހާމަކަން ބޮޑު ގޮތެއްގައި ގެންދިޔުމަށާއި މިމައްސަލައާއި ގުޅިގެން ރައްޔިތުންނަށް އޮޅުން އަރާފައިވާ ކަންތައްތައް މިހާރުން މިހާރަށް ސާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ގުޅުންހުރި ދަޢުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް