"ގެއްލުނު ދިވެހި ހާޖީ ހޮސްޕިޓަލަށް ގެންދިޔައީ ހޮސްޕިޓަލު ބޭރުގައި ހަބަރު ހުސްވެފައި އޮއްވާ"

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިން އަނބުރާ ރާއްޖެ އައިސްފައި ވާއިރު ވާއިރު މި އަހަރުގެ ހައްޖަކީ ހިތާމަވެރި އެތައް ހާދިސާއެއް ހިނގި އަހ...

05 Oct 2015 | 03:52

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިން އަނބުރާ ރާއްޖެ އައިސްފައި ވާއިރު ވާއިރު މި އަހަރުގެ ހައްޖަކީ ހިތާމަވެރި އެތައް ހާދިސާއެއް ހިނގި އަހަރެކެވެ. އަދި ދިމާވި ހިތާމަވެރި ހާދިސާތަކުގައި އެތައް ބައިވަރު މުސްލިންނެއް ދުނިޔެ ދޫކޮށް ގޮސްފައި ވެ އެވެ،

ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓުނު ހާދިސާއާއި މިނާގައި ފިތިގެން އެތައް ސަތޭކަ ހައްޖާޖީންނެއް ނިޔާވި ހާދިސާއަކީ ފާހަގަކޮށްލެވޭ އެންމެ ބޮޑު ދެ ހާދިސާ އެވެ. ނަމަވެސް މިއިން ހާދިސާއެއްގައި އެއްވެސް ދިވެހި ހައްޖުވެރިއަކަށް ގެއްލުމެއް ނުވެ އެވެ.

ދިވެހި ހައްޖުވެރިންނަށް ދިމާވި ހާދިސާތަކަށް ބަލާއިރު ފާހަގަކޮށްލެވެނީ ދެ ހައްޖާޖީއަކު ނިޔާވުމާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހާޖީ، ލ.ގަމު މަތިމަރަދޫ، އުމުރުން 68 އަހަރުގެ އަހުމަދު ޒަކަރިއްޔާ ގެއްލުނު ހާދިސާއެވެ.

އަހުމަދު ޒަކަރިއްޔާ ގެއްލުނީ 24 ސެޕްޓެމްބަރު ވީ ބުރާސްފަތި ދުވަހު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ފެނިފައިވަނީ ޖެހިގެން އައި ހުކުރު ދުވަހު 8:45 ހާއިރު އެވެ.

ދިވެހި ހައްޖު މިޝަނުން އޭރު ބުނެފައިވަނީ ހޯދަމުންދިޔަ ހައްޖުވެރިޔާ ދިވެހިން ތިބޭ އެހެން ޓެންޓެއްގައި އިންދާ ފެނިގެން ހައްޖު ކޯޕަރޭޝަންގެ ޓެންޓަށް ގެންގޮސްފައި ވާކަމަށެވެ. އަދި ހާލުވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ގޮތާއި އަހުމަދު ޒަކަރިއްޔާއާމެދު ކަންތައް ވެގެންދިޔަ ގޮތް އޭރު އެއްވެސް ވަރަކަށް ހާމަށްފައެއް ނުވެ އެވެ.

"އެންމެން ހިލަ އުކަން ގޮސްފައި އަންނަމުން ހިތަށް އެރީ މެންދުރު ނަމާދުކޮށްލަން މިސްކިތަކަށް ވަންނާނީ އޭ، އެ މިސްކިތުގައި ތިބި މީހުން ވަރަށް ރަނގަޅު (ހޫނުވެފައި) ހުރުމުން އެމީހުން ބުނި ގޮނޑިއެއްގައި އިށީންނާށޭ، އަދި ފަހުން ކުނަލެއް ދީފައި ބުނި އޮށޯންނާށޭ، ވަށައިގެން ހަތަރު މީހުން ކަރުދާސް ގަނޑަކުން ފިނިކުރަމުންދިޔަ، ނިދެންވެސް ނިދުނު އިރުކޮޅަކުން މިސްކިތުން ނިކުމެގެން ހިނގައިގަތީ" ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފައިވާ ވީޑިއޯ އިންޓަވިއުއެއްގައި އަހުމަދު ޒަކަރިއްޔާ ގެއްލުނު ގޮތް އޭނާ ކިޔައިދީފައި ވެ އެވެ.

އެ އިންޓަވިއުގައި އަހުމަދު ޒަކަރިއްޔާ ބުނެފައިވަނީ މިސްކިތުން ނިކުމެގެން ދިޔައީ އަސްކަރީ ހޮސްޕިޓަލެއްގެ ކައިރިއަށް ކަމަށާއި އެ ހޮސްޕިޓަލުގެ ޕޭވްމަންޓް މަތީގައި ހުއްޓާ ސިފައިންގެ މީހަކު އައިސް ސުވާލު ކުރި ކަމަށެވެ. އަދި އެ ސަރަހައްދު ދޫކޮށް ދިއުމަށްވެސް އެދުނު ކަމަށެވެ.

"އެތަނުން މީހަކާ ދިމާވެގެން ބުނެފި ކޮންތާކަށް ދާ މީހެއްހޭ، ކީއްކުރަންހޭ މިތަނަށް ވަދެގެން ތިއުޅެނީ، މަ ބުނީ މަގު އޮޅިގެނޭ، ބުނެފި ނުވަދެވޭނޭ މިތާކަށް، މިތާ މަޑުކުރާށޭ،   ޕޮލިހުގެ ވަރަށް ބޮޑު މީހެއް އެއީ، އޭނަ އަތުގަ ކާ އެއްޗެހި ބޮޑު ކޮތަޅެއް އޮތް، އެ ކޮތަޅު ދީފަ ބުނެފި ކައިގެން އިންނާށޭ މިތާ، އެ އެއްޗެހި ކައިގެން އެތާ އިނީ" އަހުމަދު ޒަކަރިއްޔާއަށް ކަންތައް ދިމާވިގޮތް ކިޔައިދީފައި ވެ އެވެ.

އޭނާ ބުނެފައިވަނީ އިރު އޮއްސުނު އިރުވެސް މާލެއިންނާ ރަށުންނާއި އަދި ހައްޖު ކޯޕަރޭޝަނުންނާއި ހައްޖު މިޝަނުންވެސް ގުޅަމުންދިޔަ ކަމަށާއި އަދި ހުރިތަންވެސް އެނގުނު ގޮތަކަށް ކިޔާދެމުން ދިޔަ ކަމަށެވެ.

"ގާތް ގަނޑަކަށް އަށެއް ޖަހާކަންހާއިރު ކޮޅަށް ހުންނާނެ ވަރެއް ނެތިގެން އިށީންދެއްޖައިން، އިށީންނި ހާއިރަށް އަނބުރައިގަތް، މާ ބާރަށް ނުވެއްޓެނީސް މަޑުމަޑުން އޮށޯތީ، ނުވައެއް ޖަހާކަންހާއިރު އެމްބިއުލޭންސް އަތުވެއްޖެ، އެމްބިއުލާންސް އައިކަންވެސް އެނގޭ، ލޯ ހުޅުވައިގެން ބަލައެއް ނުލަން، އަޑު އިވެނީ، ދެން ގެންދިޔައީ ހޮސްޕިޓަލަށް، ހޭ އެރީ އެޑްމިޓް ކޮށްފަ އޮއްވާ" އަހުމަދު ޒަކަރިއް ކިޔާދީފައި ވެ އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ހޮސްޕިޓަލުން ދޫކޮށްލީ ހުކުރު ދުވަހު ހެނދުނު 8:00 ހާއިރު ކަމަށާއި ދިވެހިން އުޅޭ ޓެންޓަކަށް ގެންގޮސްދިނީ ސައުދީ އަރަބިއްޔާ ރައްޔިތެއް ކަމަށެވެ.

Interview: Mina gai Gehligen hoadhamun dhiya Ahmed ZakarihyaInterview: Mina gai Gehligen hoadhamun dhiya Ahmed Zakarihya Posted by Maldives Hajj Corporation Limited on Sunday, October 4, 2015

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް