ސީރިޔާގެ ރައީސް ބައްސާރުލް އަސަދުގެ ވެރިކަން ގަދަކަމުން ދެމެހެއްޓުމަށް ވާގިވެރިވެ ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށްވަދެ ރަޝިޔާއިން އެ ހަދަނީ ވަރަށް ބޮޑު ގޯހެއް ކަމަށް ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުގާން އިއްޔެ ވިދާޅުވީ ރަޝިޔާގެ އެ އަމަލަކީ ތުރުކީއަށް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި މި އަމަލު ކުށްވެރިކޮށް ބައިނަލްއަގްވާމީ މުޖްތަމައުން ރަޝިޔާ އެކަހެރިކުރަން ޖެހޭ ކަމަށްވެސް އުރުދުގާން ވިދާޅުވި އެވެ.
އުރުދުގާން އިތުރަށް ވިދާޅުވީ މިކަމުގައި ކުށްވެރިވަނީ ހަމައެކަނި ރަޝިޔާ ނޫން ކަމަށާއި އީރާނުންވެސް އަސަދަށް ވާގިވެރިވެ ހަދަމުން އެދަނީ ގޯސްތަކެއް ކަމަށެވެ.
ރަޝިޔާއިން ސީރިޔާގެ މަސްރަހުގެ ތެރެއަށް ވަދެގެންފައިވާއިރު ރަޝިޔާއިން ބުނަނީ އެމީހުންގެ ހަމަލާތައް އަމާޒު ކުރަނީ ހަމައެކަނި އައިއެސް ޖަމާއަތަށް ކަމަށެވެ.
ނަމަވެސް ތުރުކީއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ދެކޭގޮތުގައި އެއީ ރަޝިޔާއިން ދައްކާ ދަޅައެކެވެ. ރަޝިޔާ ސީރިޔާގެ މަސްރަހުގެ ތެރެއަށްވަނީ އަސަދުގެ ސަރުރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތައް ނައްތާލަން ކަމަށް ތުރުކީއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ތުހުމަތު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް