ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވަނިކޮށް މަރުވެފައިވާ އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވައިފިއެވެ.
އެކަން މިއަދު ފުލުހުން ހާމަކޮށްފައިވާއިރު ޖަލުގައިވާ މަރުތަކާމެދު އެއްވެސް ސުވާލެއް އުފެދޭކަހަލަ ކަމެއް ހިނގާނަމަ އެ ފަރާތެއްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ހޯމް މިނިސްޓްރީން ނިންމާފައިވެއެވެ.
އަތުހަރަކީ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް، ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތެކެވެ.
އަތުހަރު ހައްޔަރުކުރަން އަދި އެ އަންހެން ކުއްޖާ ސަލާމަތްކުރަން ފުލުހުން އަމަލުކުރިގޮތަކީ ފުލުހުންގެ ބެޓަނަކުން އަތުހަރުގެ ބޮލުގައި ޖެހުމުން އެއީ ގޯސްކޮށް ފުލުހުން ކުރި ކަމެއްކަމަށްބުނެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
އެއަށްފަހު އޭޑީކޭ އަދި އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އަތުހަރު ގެންދިޔައީ ދޫނިދޫ ޖަލަށެވެ. ފުލުހުން ބުނާގޮތުގައި އަތުހަރު އަމިއްލައަށް ދަންޖެހިގެން މަރުވީ ދޫނިދޫ ޖަލު ގޮޅީގެ ތެރޭގައެވެ.
އަތުހަރުގެ މަރުގެ މައްސަލަ އެޗްއާރްސީއެމްއާއި ފުލުހުންގެ އެންއައިސީ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް