ކާރަކާއި ސައިކަލެއްޖެހި މާލޭގައި ރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ރޭ 12:53 ހާއިރު ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.
"އަނިޔާވެގެން އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗް އަށް ފަރުވާދިނުމަށް ގެންގޮސްފައިވާ" ފުލުހުން ބުނެފައިވެއެވެ.
އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ޒުވާނާއަށެވެ.
ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުގައި ސައިކަލު، ކާރުގައި ޖެހިފައިވާކަމަށް ބެލެވެނީ ބާރު ސްޕީޑެއްގައި ގޮހެވެ. ކާރުގެ ޑްރައިވަރ ދޮރާއި ދިމާލުގައި ސައިކަލު ޖެހިފައިވާކަމަށް ބެލެވޭއިރު ސައިކަލުގެ "ފްރަންޓް ކަވަރ" އެކުގައިހެން ވަނީ ނެއްޓިފައެވެ. ސީންގައި ލޭގެ އަސަރުތައްވެސް ހުރި މަންޒަރު ފޮޓޯތަކުން ފެނެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އައިޖީއެމް ހޮސްޕިޓަލުން ބުނީ ރޭގައި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް