2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ މިހާތަނަށް ޕާކިންގ ސްޓިކަރ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މަޢާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފިއެވެ.
މިކަން މިގޮތަށް އެމަނިކުފާނު ނިންމެވީ ތަފާތު އެކި ސަބަބުތަކަށް ރިޢާޔަތް ކުރުމަށްފަހުގައި ކަމަށާއި އޭގެ ތެރޭގައި، މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދިޔުމާއި، ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުން ހިމެނޭކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން ޢާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު މިފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުންދިއުމާއި މިކަން މިގޮތަށް ހިނގަމުންދާކަން އެމަނިކުފާނަށާއި ސަރުކާރަށް ވެސް ޤަބޫލުފުޅުކުރެއްވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދިނުމަށް އެމަނިކުފާނު ނިންމެވީ ކަމުގައިވެސް ބުނެފައިވެއެވެ.
ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބިކަމަށާއި، އެކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ތެރޭގައި ވެސް ވަނީ ވިދާޅުވެފައެވެ .
އެގޮތުން ޕާކިން ޖޫރިމަނާ ފިޔަވައި ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެގޮތްވެސް ސަރުކާރުން މިވަނީ ކަނޑައަޅުއްވާފައެވެ.
މިގޮތުން ވަކި ޙާލަތަށް ރިޢާޔަތްކޮށް ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މަޢާފު ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރޭގައ، ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމާއި، އެއްގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުންކުރުން )ލައިސަންސް ނެތި ދުއްވުން( ވެސް ހިމެނެއެވެ• އަދި މީގެ އިތުރުން ވެސް ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުމުން މަޢާފުކުރެވޭ ކަންކަން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ. މި ޓްރެއިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށް ކަމުގައިވެސް ބުނެފައިވެއެވެ. އިތުރަށް ބުނެފައިވާގޮތުގައި މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެ ސަބަބުން ޓްރެފިކް ޤަވާއިދުތަކަށާއި، އިޖްތިމާޢީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް