ނިލަންދޫއާއި ތުރާކުނު އަދި ދިއްދޫގެ ބައެއް މަޝްރޫޢުތަށް ފެށުމަށް ސައިޓްތައް މޮބަލައިޒްކޮށްފި

ފ. ނިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ހއ.ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލ...

05 Sep 2023 | 13:15

ފ. ނިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ހއ.ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރައްވާފައިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އަދި ހަމައެފަދައިން ހއ.ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ ނިމިދިޔަ ބުރާސްފަތީ ދުވަހުއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި ނިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީވެސް ރަށުގެ ބަނދަރު ބޭނުންކުރުމުގައި އޮތް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމެވެ. އަދި، އެ ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށްވެސް ރަށަށް މިވަގުތު ބޭނުންވެފައިވާ އެންމެ މުޙިންމު އެއް ވަސީލަތަކީ ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު ޒަމާނީ ބަނދަރެއް އޮތުންކަމުގައި އެރަށުގެ ރައްޔިތުން މިއަދު ދެކޭ ކަމަށް އެމްޓީސީސީ އިން ފާހަގަކުރައްވައެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި މޮބިލައިޒް ކުރެވުނު ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އިސްވެދެންނެވުނު ބިމުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އަދި ހިމާޔަތް ކުރެވިފައިވާ ޒަމާނީ ރީތި ގޮނޑުދޮށެއް ތުރާކުނު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ބުނެއެވެ. ހަމައެއާއެކު ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، މުސްތަޤުބަލުގައި ދިއްދ އިތުރަށް އާބާދުވެ ތަރައްޤީކުރުމުގެ ދޮރުތަށް ހުޅުވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވައެވެ.

ނިލަންދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 55,141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 6,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 261 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 194 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއި، 237 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1,151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، 204 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މީގެ އިތުރަށް، ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ސޭންޑް ސަރޗް ސަރވޭއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 26 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ނިލަންދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހަވާލުކުރީ 61.7 މިލިއަން ރުފިޔާގެ އަގެއްގައި 510 ދުވަސް ތެރޭ ނިންމުމަށެވެ.

ހަމައެއާއެކު ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު 152.04 މިލިއަން ރުފިޔާގެ އަގެއްގައި އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާއިރު، ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުއަކީ 83.07 މިލިއަން ރުފިޔާގެ އަގެއްގައި 360 ދުވަސ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް