މ. އަތޮޅުގައި ދެމުން އައި ފެރީ ޙިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ޙިދުމަތް ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެގޮތުން، މިހާރުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްޕީޑް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމުގައި އެމްޓީސީސީ އިން ބުނެފައިވެއެވެ.
އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމަށް ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މުއްދަތުގައި ދަތުރުކުރެއްވުމަށް ޖާގަ ހޯއްދެވުމުގެ ގޮތުން އެމްޓީސީސީ އިން ވާނީ އެ ކުންފުނީގެ ނަންބަރު: 7955508 އަށް ގުޅާލުމަށްޓަކައި ނަންބަރު ފޯރުކޮށްދީފައެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ޙިދުމަތް ދިނުމަށް ތައްޔާރު ކުރެވިފައިވާ ވެބްސައިޓުން (mv.mtcc.stl://https) އޮންލައިންކޮށް ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.
މި ޙިދުމަތުގައި ބޭނުންކުރެވޭ ސްޕީޑް ފެރީތަކަކީ ޖުމްލަ 45 ފަސެންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތަކެކެވެ. މި ޚިދުމަތް ހަފުތާއަކު ތިން ދުވަހު، މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބިގެންދާނެ ކަމަށާއި އަދި މި ޚިދުމަތުގެ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީ ބުނެއެވެ.
ޚިދުމަތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް