މިއުޅޭ ރޯގާގައި ބައެއް ތުއްތު ކުދިން ވަރަށް ބަލިވޭ، އެއްކުއްޖަކު ވީ ވެންޓިލޭޓަރުގައި: ޑރ. ފައިސަލް

މިހާރު މިއުޅޭ ރޯގާގައި ބައެއް ތުއްތު ކުދިން ވަރަށް ބަލިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑަކުޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ޑރ. ފައިސަލް ވިދާޅުވީ، މިހާރު މިފެތުރޭ ރޯގާގައި ގިނައީ ރެސްޕިރޭޓަ...

05 Sep 2023 | 11:33

މިހާރު މިއުޅޭ ރޯގާގައި ބައެއް ތުއްތު ކުދިން ވަރަށް ބަލިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑަކުޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ، މިހާރު މިފެތުރޭ ރޯގާގައި ގިނައީ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް ކިޔާ ވައިރަހެއް ކަމަށެވެ. އަދި ރޯގާގައި ވަރަށް ބަލިވާ ތުއްތު ކުދިން އުޅޭ ކަމަށާއި ހާއްސަކޮށް އެންމެ ތުއްތު ކުދިންނާއި ހިތުގެ ބަލިތަން ހުންނަ ކުދިން އަދި އުންސިންޑުރޯމްފަދަ އިތުރުބަލިތައް ހުންނަ ކުދިން ރޯގާގައި ވަރަށް ބަލިވާ ކަމަށެވެ.

މިހާރު އެއް ކުއްޖަކު ވެންޓީލޭޓަރުގައިވެސް އޮތްކަން ފާހަގަ ކުރައްވައި ޑރ. ފައިސަލް ވިދާޅުވީ އެހެން ތުއްތު ކުދިންނަށް އައިސީޔޫގައިވެސް ފަރުވާ ދީފައި ވާނެ ކަމަށެވެ.

އަރިދަފުސް ރޯގާ އިތުރުވާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެކަމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭއިން ބުނެފައި ވަނީ، ރޯގާ ޖެހިފައި ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެކުދިން އުރާ ނެހެދުން ބުއްދިވެރި ކަމަށެވެ.

ރޯގާއިން ރައްކާތެރިވުމަށްޓަކައި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ރަނގަޅަށް މާސްކު އެޅުމާއި އަވަހަށް ޓެސްޓު ކުރުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އަދި ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ބުނެފައި ވަނީ، ހުން އަހިސް ރޯގާޖެހިގެން ތިން ދުވަހަށްވުރެ ގިނަ ވާނަމަ ޑޮކްޓަރުގެ ލަފަޔާ އިރުޝާދު ހޯދަން ވާނެ ކަމަށެވެ. އަދި ހުން އަހިސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި އަރާމު ކުރުމާއި ބުއިންތަކަށް ލުބޯ، މާމުއި އަދި އިނގުރު އަޅައިގެން ބޭނުން ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް