ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ހުސައިން އަމްރޫ މުހައްމަދު ރަޝާދުގެ ކެމްޕޭން ދިދަ ފެހުމާއި ބެނާތައް ހަރުކުރުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހަރަކާތްތެރިވާން ފަށައިފިއެވެ.
ނަޝީދު ވަނީ ރޭ ޑިމޮކްރެޓްސް ހަރުގޭގައި ދިދަ ފެހުމުގައި ހަރަކާތްތެރި ވެފައެވެ.
އޭގެ އިތުރުން ނަޝީދު ވަނީ ހޮޅިތައް ފުހުމާއި ހޮޅިތަކުގައި ބެނާ ހަރުކޮށް އަދި ޖެހި ތައްގަނޑު ހިއްކުމުގައިވެސް ހަރަކާތެތެރި ވެފައެވެ.
ރޭ ނަޝީދު އެ މަސައްކަތަށް ހަރުގެއަށް ވަޑައިގެން މަގުމަތީގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ފާތިމަތި އިބްރާހީމްއާ މަގުމަތިން ބައްދަލުވެފައެވެ.
މެޑަމް ފާތުން ނުކުމެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު (ސެމްބެ)ގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދާއެކު ޖަގަހަ ޖަލްސާގައެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މަގުމަތިން މެޑަން ފާތުންނާއި ނަޝީދު ދިމާވެއެވެ. އަދި ސަލާމް ކުރައްވައެވެ.
އޭރު ޔާމީނުގެ ސަޕޯޓަރުން ދިޔައީ ޔާމީނު ދޫކޮށްލުމަށާއި މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އެހެންކަމުން ނަޝީދުވެސް ވަނީ އެމީހުނާ ބައިވެރިވެ އަޑު އުފުލާފައެވެ. އަދި އިރުކޮޅަކުން އެ ސަރަހައްދު ދޫކޮށް ވަޑައިގަންނަވާތަން ފެނެއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި، ނަޝީދު ޑިމޮކްރެޓްސްގެ ޖަގަހައަށް ވަޑައިގެންނެވި މަގުމަތީގައި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާވެސް ދިމާވެއެވެ. އަދި ޕީޕިއެމް ސަޕޯޓަރުންވެސް އުފާފާޅުކޮށް ނަޝީދުއާ ސަލާމް ކުރެއެވެ.
އޭގެ ފަހުން ނަޝީދު ހަރުގެއަށް ވަޑައިގެން ކެމްޕޭން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެއެވެ. އަދި މިއަދު ވަނީ ބެނާތައް ހަރުކުރުމަށް މަގުތަކަށް ނުކުމެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް