އަލީ ރަމީޒްގެ ރައްދު އިޔާޒަށް: 363ގެ ތެރެއިން ރައީސް ސޯލިހަށްއަށް ތާއީދު ކުރެއްވީ ފަހެއް

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ އިލްމުވެރިންގެ އެންމެ 24 އިންސައްތަ ކަމަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވުމާ ގުޅިގެން އަލީ ރަމީޒު އެކަމަށް ރައްދު ދެ...

05 Sep 2023 | 09:52

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ އިލްމުވެރިންގެ އެންމެ 24 އިންސައްތަ ކަމަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވުމާ ގުޅިގެން އަލީ ރަމީޒު އެކަމަށް ރައްދު ދެއްވައިފިއެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިލްމުވެރިންގެ ގުޅުމުން ތާއީދު ކުރައްވާ ކެނޑިޑޭޓެއް ބެލުމަށްޓަކައި ވައިބަރ ޕޯލް އަކުން ވޯޓެއް ނަގާފައިވާ ކަމަށެވެ.

އެ ޕޯލްއިން ދައްކާ ގޮތުގައި، 87 އިލްމުވެރިންގެ ތާއީދާއެކު 82 އިންސައްތަ ތާއީދު ކުރައްވަނީ ޑރ. މުހައްމަދު މުއިއްޒަށެވެ. އަދި ނުވަ ވޯޓާއެކު 8 އިންސައްތަ އިލްމުވެރިން އުމަރު ނަސީރަށް ތާއީދު ކުރައްވާއިރު، ފަސް ވޯޓާއެކު ހަތަރު އިންސައްތް އިލްމުވެރިން ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހީމާއި ފާރިސް މައުމޫނު އަދި އިލްޔާސް ލަބީބުގެ އިތުރުން މުހައްމަދު ނާޒިމްގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގެންފައި ވަނީ އެންމެ ވޯޓެކެވެ. އޭގެ އިތުރުން ހަސަން ޒަމީލަށް ވޯޓެއް ލިބިވަޑާއިގެންފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ 363 އިލްމުވެރިއެއްގެ އަތުގައި އޮންނަވާނެ ކަމަށެވެ. އޭގެ ތެރެއިން މުއިއްޒުއަށް ތާއީދު ކުރައްވާކަމަށް ވޯޓު ލައްވާފައި އެވަނީ 87 އިލްމުވެރިން ކަމަށެވެ. އަދި އެއީ އިލްމުވެރިންގެ 24 އިންސައްތަ ކަމަށް އިޔާޒު ވިދާޅުވިއެވެ.

މުއިއްޒުއަށް ތާއީދު ކުރަން ވޯޓު ނުދެއްވާ 267 އިލްމުވެރިން އެބަ ތިއްބެވި ކަމަށް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ޖެއްސެވި ހިސާބަށް ބަލާފައި އަލީ ރަމީޒު ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގައި 363 އިލްމުވެރިން ތިއްބެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ވޯޓު ނުދެއްވާ އަދަދަކީ 358 ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް