ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ހުމޭދާ ގޭތެރެއަށް ވަދެގެން އައި އިރު ހުމޭދާގެ މަންމަ ހަސީނާ ބަދިގެތެރޭގައި ތަށިތައް ދޮންނަން ހުއްޓެވެ. "މަންމާ ކިހިނެތްވީ ފޯނުކުރީ..." މަންމަ ގާތަށް ދަމުން ހުމޭދާ ބުނެލިއެވެ. ...

05 Sep 2023 | 08:43

ކުރީގެ އަދަދާއި ގުޅޭ....

ހުމޭދާ ގޭތެރެއަށް ވަދެގެން އައި އިރު ހުމޭދާގެ މަންމަ ހަސީނާ ބަދިގެތެރޭގައި ތަށިތައް ދޮންނަން ހުއްޓެވެ.

"މަންމާ ކިހިނެތްވީ ފޯނުކުރީ..." މަންމަ ގާތަށް ދަމުން ހުމޭދާ ބުނެލިއެވެ.

"ދަރިފުޅުގެ ބޭބެ ކޮންމެސް ވާހަކައެއް ދައްކަންވެގެން ދަރިފުޅު ކޮބައިތޯ އަހަލީމަ އޭރު ގުޅީ... ބޭބެ އެދިޔައީ ނިދަން ކަންނޭނެ މިހާރު... ދަރިފުޅު ކައިފިންތަ...؟" ދޮވުނު ތަށިތައް ކަބަޑަށްލަމުން ހަސީނާ ބުނެލިއެވެ.

"ހާދައަވަހަކަށް ބޭބެ ނިދަން އެދިޔައީ.... މާލަހުން ސައިބުއީމަ އަދި ކާހިތެއްނެތް... ތަންކޮޅެއް ލަސްކޮށްލާފަ ބަނޑުހައި ވެއްޖިއްޔާ ކާނީ.... " ހުމޭދާ ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

ހުމޭދާގެ އުމުރުން ހަތަރު އަހަރުގައި އިންޑިޔާއަށް ކުރި ދަތުރެއްގައި އެމީހުން ދަތުރުކުރި ކާރު އެކްސިޑެންޓެއްގައި ހުމޭދާގެ   ބައްޕަވަނީ ނިޔާވެފައެވެ. ހަސީނާ ޚާލިދާއި ކައިވެނިކުރީ ހުމޭދާގެ އުމުރުން ދިހަ އަހަރުގައެވެ. ޚާލިދުގެ ދަރިޔަކު ނެތުމާއެކު ޚާލިދު ހުމޭދާ ދެކެނީ އޭނާގެ އުފަން ދަރިއެއްގެ ގޮތުގައެވެ. ހަސީނާ ބަދިގެތެރެ ސާފުކުރުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އޭރު ޚާލިދު ފޮތެއް ކިޔަން އެދުގައި އޮތެވެ.

"ކޮބާ.... އެމަންޖެ ގެޔަށް އަތުވެއްޖެތަ...." ހަސީނާއާ ދިމާއަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.

"އާނ... ހިނގައްޖެ ކޮޓަރޮއަށް އެދިޔައީ.... އެބައަންނަން އިނގޭ ގައިދޮވެލައިގެން.... " ތުވާލި ހިފައިގެން ފާހާނާއަށް ވަންނަމުން ހަސީނާ ބުނެލިއެވެ.

ހަސީނާ ގައިދޮވެލައިގެން އެއްޗެހި ބަދަލުކޮށްލައިގެން އައިސް ޑްރެސިންގ ޓޭބަލް ކައިރީގައި އިށީނެވެ.

"ކޮބާ އެމަންޖެއަށް ވަޒީފާއެއް ލިބޭގޮތް ވެއްޖެތަ...؟ ރައްޓެއްސަކު އެބައުޅޭ އޭނަގެ ކުންފުންޏަށް މާސްޓަރސް ހަދާފަހުރި ރަނގަޅު ކުއްޖަކު ހޯދަން ވެގެން... އެހެންވެ އެމަންޖެ ކައިރީ އެވާހަކަ ދައްކާލަންވެގެން އޭރު ހޯދާލީ..... ރަނގަޅު މުސާރައެއްވެސް ދޭނަމޭ ބުނި.... ހަސީނާ ކޮންމެސް ވަގުތަކުން އެމަންޖެއާ އެވާހަކަ ދައްކާލައްޗޭ ... " ކިޔަން އޮތް ފޮތް އެދުމަތީގައި ބާއްވާލަމުން ޚާލިދު ބުނެލިއެވެ.

"އާނ.. ކޮންމެސް ދެތަނަކަށް ސިޓީލައިގެން އުޅޭވާހަކަ ބުނި... އެކަމަކު އަދި ޚަބަރެއް ނުވެޔޯ... މިހާރު ވަޒީފާ ހޯދުމަކީވެސް ވަރަށް އުނދަގޫ ކަމެއް..." ކުރިންވެސް ސިޓީލީތަކުން އިންޓަރވިއު އަށް ގެންގޮއްސަ ފަހުން ޚަބަރެއް ނުވޭ... ތިވާހަކަ ދައްކާލާނަން މާދަމާ.. " ހަސީނާ ބުނެލިއެވެ.

ނާޝިދަށް ފެނުނު މަންޒަރުން ބިރުވެރިކަން ހިތަށް ވެރިވެފައިވާތީ ބާރުބާރަށް ހިނގާފައި ގެޔަށްގޮސް ކޮޓަރިއަށް ވަނެވެ. ފާހާނާއަށް ވަނުމަށްފަހު މޫނުދޮވެލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. އޭސީގެ ފިނިން މުޅި ކޮޓަރި ވަނީ ފިނިވެފައެވެ. ރީތިވާ މޭޒުމަތީ ބަހައްޓާފައި ހުރި ލެވެންޑަރ އުއްބައްތީގެ ސަބަބުން މުޅި ކޮޓަރިތެރޭގައި ލެވެންޑަރގެ މީރުވަސް ފެތުރިފައި ހުއްޓެވެ. ނާޝިދު އިންތިޒާރު ކުރަމުން އެގެންދަނީ ހުމޭދާގެ ޖަވާބަކަށެވެ. މާގިނަ އިރުތަކެއް ނުވެ ނާޝިދުގެ ފޯނަށް މެސެޖެއް ލިބުނެވެ. އަވަސް އަވަހަށް މެސެޖް ހުޅުވާލިއެވެ. އިންތިޒާރު ކުރަމުންދިޔައީ ހުމޭދާގެ މެސެޖަކަށެވެ. ނަމަވެސް މެސެޖްކުރީ ރާއިދެވެ. މިރޭ އެއްވެސް ޚަބަރެއްނުވާތީ ކޮބައިތޯ ބަލާލަން ކޮށްލި މެސެޖެކެވެ. ނާޝިދު އެމެސެޖަށް ޖަވާބު ދިނުމަށްފަހު ފޯނު އެދުމަތީ ބޭއްވިތަނާ ކޮޓަރީގައި މީހަކު ޓަކި ޖަހާލިއެވެ. ނާޝިދުގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.

"ދަރިފުޅު ކާންވެސް ނުނިކުންނަ ރެޔެއްތަ...؟ ހިނގާ ކާން..!" ދޮރުމަތީގައި ހުރި ނާޝިދުގެ މަންމަ ސަމީރާ ބުނެލިއެވެ.

"މިރޭ ކާހިތެއް ނެތޭ މަންމާ... ބަނޑުހައެއް ނުވެއޭ...." ފޫހި ރާގަކަށް ނާޝިދު ބުނެލިއެވެ.

"ނޫނޭ.. ކާންވާނެ.... ހަވީރު ސައިވެސް ނުބޮއެއްނު ތިހިރީ...  ކާންހަދާފަ މަންމަ އެހެރީވެސް... އާދޭ ކޮންމެސް އެއްޗެއް ކާލަން..." އަމުރުވެރި ރާގަކަށް ސަމީރާ ބުނެލިއެވެ.

ނާޝިދު ކާން ބޭނުން ނުވިޔަސް ގޮސް ކާންއިށީނެވެ. މަންމަ ބުނީތީއެވެ. ނާޝިދަކީ މަންމަގެ ބަސްޤަބޫލު ކުރާ ކުއްޖެކެވެ. މިދުނިޔެމަތީގައި ނާޝިދު އެންމެލޯބިވާ ބަޔަކީ ނާޝިދުގެ ބައްޕަ އާއި މަންމަ އެވެ. ނާޝިދު ހުރިހާ ކަމެއްވެސް ކުރަމުންދަނީ މަންމައާއި ބައްޕަ ރުހުމާއެކު އެމީހުން ބުނާގޮތަށެވެ. ނާޝިދަކީ ކިޔަމަންތެރި ރަނގަޅު ބަސްއަހާ ކުއްޖެކެވެ.

"ކައިގެންގޮސް ނިދާލާ.... މަންމައަށް ހީވަނީ ދަރިފުޅުވެސް މިހާރު ވަޒީފާއެއް ހޯދަންވެއްޖެހެން.... ކިޔަވާ ނިމިގެން ވަޒީފާއެއްނެތި ތިހެން ހުންނަން ވެއްޖިޔާ ކަންނެތް ވެދާނެ... މިހާރުވެސް މަންމައަށް ހީވޭ ދަރިފުޅު ކަންނެތްވާހެން... ހެނދުނު ހޭލަނީވެސް އެހާލަހުން..." ސަމީރާ ވާހަކަ ދެއްކިއެވެ.

މަންމާ... އަޅުގަނޑު ކިތަންމެ ލަހުން ނިދިޔަސް ފަތިހު ހޭލަމޭ... ހޭލައިގެން ނަމާދުކޮށްގެން ނިދަނީ... މިހާރު ކުރާނެ މާބޮޑު ކަމެއް ނެތީމަ ފަތިސްނަމާދު ކޮށްލައިގެން ނިދާލަނީ... އެހެން ނޫނަސް ލަސްވެގެން ނުވައެއް ޖެހުމުގެ ކުރިން މިހާރުވެސް ތެދުވަމެއްނު... ވަޒީފާއެއް ހޯދުމަށްވެސް އެބަ މަސައްކަތް ކުރަމޭ މިހާރު..." ނާޝިދު ރޮށިކޮޅެއް އަނގަޔަށް ލަމުން މަންމައާއި ވާހަކަދެއްކިއެވެ.

"ރަނގަޅު... ! ވަޒީފާއެއް ހޯދައިގެން ރަނގަޅު ދިރިއުޅުމެއް ފަށޭތޯ މަސައްކަތްކޮށްބަލަ... މަންމައާއި އެކީ މިގޭގައި އުޅޭނެ ރަނގަޅު ކުއްޖަކު ގެނެސްބަލަ.. މިހާރު ދަރިފުޅުވެސް މީހަކާ އިންނަ އުމުރަށް ގޮއްސަ ތިހިރީ.. އޭރުން މަންމަ ކިޔާ އުފާވާނެ..." ނާޝިދަށް ފެންތައްޓެއް އަޅައިދެމުން ސަމީރާ ވާހަކަ ދެއްކިއެވެ.

"މަންމައާއި އެކީ މިގޭގައުޅޭނެ ކުއްޖަކު ހޯދަންވެސް އެބަ މަސައްކަތް ކުރަމޭ..." ކައިނިމިގެން ތެދުވަމުން މަންމަ ކޮޑުގައި ދެއަތް ބާއްވާލަމުން ނާޝިދު ރަކިގޮތަށް ބުނެލިއެވެ.

ކައިނިމިގެން ނާޝިދު ދިޔައީ ކޮޓަރިއަށެވެ. ނާޝިދު އުއްމީދު ކޮށްގެންހުރީ ހުމޭދާ ނާޝިދުގެ މެސެޖް ކިޔާލުމަށްފަހު އެ މެސެޖަށް ޖަވާބެއްދޭން ވަރަށް އަވަހަށް ގުޅާލާނެ ކަމަށެވެ. ނޫނީ މެސެޖް ކުރާނެ ކަމަށެވެ. އެނދުގައި އޮވެގެން ނާޝިދު ވިސްނަމުންދިޔައެވެ. އަނެއްކާ ހުމޭދާ ހިތްހަމަ ނުޖެހުނީބާއެވެ. އެހެންވެ މެސެޖަށް ޖަވާބުދޭން ބޭނުންނުވީބާއެވެ. ނާޝިދު ވިސްނަން އޮވެފައި އެންމެފަހުން އެދުންތެދުވިއެވެ. މިއީ ދުވަހަކުވެސް ނާޝިދަށް ވީގޮތެއް ނޫނެވެ. ނާޝިދުގެ ހިތުގައި ހުމޭދާގެ ސޫރަވަނީ ކުރެހިފައެވެ. ނާޝިދުގޮސް ކުޑަދޮރު ހުޅުވާލާފައި ބޭރުބަލާލިއެވެ. ނަލަ ހަނދުވަރެއް ދީފައި އޮތަސް  އެއްވެސް މީހަކު މަގުމަތީގައި ފެންނާކަށް ނެތެވެ. ކުޑަދޮރު ހުޅުވާލުމުން ޖެހެމުންދާ މަޑުވައިރޯޅީގައި ބީހިލުން ފިޔަވައި އިތުރު އެއްވެސް އުފަލެއް މިރީތި ހަނދުވަރަކުން ނާޝިދަކަށް ނުލިބެއެވެ. އެންމެފަހުން ބޭރަށް ނިކުމެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ނާޝިދު އޮށޯތެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުރިހާ މީހުންތިބީ ނިދާފައެވެ. އެކަމަކު ނާޝިދުގެ ލޮލަށް ނިދިނައިސްގެން މިއުޅޭނީ ހުމޭދާގެ ޚަބަރެއްނުވާތީ އެވެ. ނާޝިދު މަޑުމަޑުން ލޯމަރައިލިއެވެ. ޖެހެމުންދާ މަޑު ވައިރޯޅިން ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ލޯމަރާލުމާއެކު ނާޝިދު ފޯނަށް މެސެޖެއް އައެވެ. މެސެޖްކުރީ ކާކުތޯ އަވަސް އަވަހަށް ފޯނަށް ބަލާލިއެވެ. އެއީ ހުމޭދާގެ މެސެޖެވެ. ނާޝިދުގެ ހިތް އަވަސް ވެގެން ދިޔައެވެ. މެސެޖްގައި އޮތީ ކީކޭބާއެވެ. ނާޝިދު މެސެޖް ހުޅުވާލިއެވެ. އެއީ ވަރަށްކުރު މެސެޖެވެ. ނާޝިދު ހުމޭދާއަށް ދިން ގިފްޓްގެ ތެރެއަށް "އައި ލަވް ޔޫ" މިހެން ލިޔެލުމަށްފަހު ކުޑަކަރުދާސްކޮޅެއްލީ ސީދާސީދާ ބުނަން ނުކެރިގެންނެވެ. ނާޝިދުގެ ފޯނަށް އެލިބުނީ އެ މެސެޖުގެ ޖަވާބެވެ. ނާޝިދު އިންތިޒާރު ކުރަމުން ދިޔަ ޖަވާބެވެ. މެސެޖްގައިވަނީ ނާޝިދު ހަދިޔާއަކަށް ދިން ރިހި އަނގޮޓި ވަރަށް ރީތި ކަމަށާއި، އަދި ހުމޭދާވެސް ނާޝިދުދެކެ ލޯބީވާ ވާހަކަ އެވެ. އެކަމަކު އެލޯބީގައި ހުރަސްތަކެއް ގިރާކުރަންޖެހޭނެ ކަމަށްވެސް މެސެޖްގައި ލިޔެފައިވެއެވެ. ހުމޭދާ ނާޝިދު ދެކެ ލޯބިވާ ވާހަކަ ބުނުމުން ނާޝިދު ވަރަށް އުފާވިއެވެ. ހުރިހާ އުފަލެއް އެއްފަހަރާ ލިބުން ކަހަލައެވެ. ހުމޭދާގެ ލޯތްބަށްޓަކައި ކިތަންމެ ބޮޑު ހުރަހެއް ގިރާކުރަން ޖެހުނަސް އެހުރަހެއް ގިރާކުރަން ނާޝިދުހުރީ ތައްޔާރަށެވެ. ހުމޭދާގެ މެސެޖަށް ނާޝިދު ދިނީ އެޖަވާބެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، ހަތެއް ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް