ސިޔާސީ ހިސާބު ޖަހާނެގޮތް އަޅުގަނޑު މާރިޔާއަށް ކިޔައިދިނިން: އަދުރޭ

ސިޔާސީ ހިސާބު ޖަހާނެގޮތް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީއަށް ކިޔަދެއްވިން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އަދުރޭ މިހެން ވިދާޅުވީ ޕީޕިއެމް...

05 Sep 2023 | 08:11

ސިޔާސީ ހިސާބު ޖަހާނެގޮތް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީއަށް ކިޔަދެއްވިން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕިއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް އއ. މަތިވެރިއަށ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އަދުރޭ ވިދާޅުވީ މި އިންތިހާބު އެ ކޯލިޝަނުން ކާމިޔާބު ކުރާނީ 60 އިންސައްތަ ވޯޓު ހޯދައިގެން ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، އެމްޑީޕީ ބޮޑުތަނުން ބަލިވާކަން އެނގުމުން ފާޑުފާޑުގެ ދޮގު ވާހަކަ ފަތުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، އެގޮތުން ޑރ. މުއިއްޒުއަށް ޔާމީނުގެ ތާއީދެއް ނެތް ވާހަކަވެސް ފެތުރީ ކަމަށެވެ.

ނަމަވެސް ރޭ ފެނިގެން ދިޔައީ ޔާމީނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްވެސް ނުކުމެ ވަޑައިގެން މުއިއްޒުއަށް ކެމްޕޭން ކޮށްދެއްވިތަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މާރިޔާ ފަހަކަށް ނުދާނެ އަރާ ބުނާކަށް، މެޑަމް ފާތުން ވަޑައިގަތީ އިބޫގެ ޖަގަހަޔަށޭ. ހަމަ ސަމާސަޔަކަށް ނޫން" އަދުރޭ ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް ފަތުރަނީ މާބޮޑަށް ބަލިވާތަން ފެނުމުން އެކަން ހަޖަމު ނުވެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ހިސާބު ޖައްސަވާފައި ވިދާޅުވީ، މި ރާއްޖޭގެ ވޯޓުލާ އިންސައްތައަށް ބަލައިފިނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުލާ މީހުންގެ އިންސައްތައަށް 40ށް ނާރާނެ ކަމަށެވެ. އެ އިންސައްތަ އުޅޭނީ 30 ނުވަތަ 35ގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މާރިޔާއާ އަޅުގަނޑާ ވަރަށް ކައިރިކައިރީގައި ޖެހިޖެހިގެން ތިއްބާ. އަޅުގަނޑު ކިޔާދިނިން މި ސިޔާސީ ހިސާބު ޖަހާގޮތް މާރިޔާއަށް. ކިޔާދިނީމަ ތިބީ ހައިރާންވެގެން އަންތަރީސްވެފަ. ހަމަ ހަދާނެ ގޮތް ހުސްވެފަ" އަދުރޭ ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ސަންގު ރިޔާސީ ބަހުސް ބެއްލެވުމަށް ވަޑައިގެން ސިޔާސީ އިދިކޮޅު ފަރާތްތައް ތިބީ ކައިރި ކައިރީގައެވެ. އެގޮތުން މެޑަމް ފަޒްނާ އަހުމަދާ ޖެހިގެން އިންނެވީ ކުރީގެ މެޑަމް ނަސްރީނާއެވެ. އަދި ދަ ޑިމޮކްރެޓްސްގެ އީވާ އަބްދުﷲ އާ ޖެހިގެން އިންނެވީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ. ނަހުލާއާ ޖެހިގެން ތިއްބެވީ އެމްއެންޕީގެ މެމްބަރުންނެވެ.

އޭގެ ތެރެއިންވެސް މާރިޔާއާއި އަދުރޭ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، މީގެ ކުރިން ޕޯޑިއަމް ތަކުގައި ވާހަކަ ދެއްކެވި އިރު ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަމަށް އޮޅިގެން ނުބައި ދުވަހެއް ވިދާޅު ވެވުމުންނެވެ.

ރައީސް ޔާމިނުގެ ވެރިކަމުގައި ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން އަދުރޭ ހިސާބު ޖައްސަވައި ވިދާޅުވި ވާހަކައަކުން އެއީ ‘ހިސާބު މުދައްރިސް’ ކަމަށް ބުނެ ގިނަ ބަޔަކު އެ ނަން އަދުރޭއަށް އަމާޒު ކުރަމުން ދަނިކޮށް، އިންތިހާބު ބާއްވާ ދުވަސް އޮޅިވަޑައިގެންނެވުމުން މީސްމީޑިޔާގައި މީހުން އެކަމަށް ޖޯކު ޖަހަން ފެށީއެވެ.

އެގޮތުން، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ވޯޓުލާ ވާހަކަ ވިދާޅުވާން އުޅުމުގެ ތެރޭގައި އަދުރޭއަށް އޮޅިގެން ފުރަތަމަ ވިދާޅުވެވުނީ ސެޕްޓެމްބަރު ހަތަރުވަނަ ދުވަސް ކަމަށެވެ. ނަމަވެސް ކައިރީގައި ތިއްބެވި ބޭފުޅުން ވަނީ އެ ކުށް އިސްލާހު ކޮށްދީފައެވެ.

‘އިބޫއަސްލަމް’ ކެމްޕޭންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާއަށް އޮޅިގެން ވިދާޅުވެވުނީ ސެޕްޓެމްބަރު ތިންވަނަ ދުވަހު ވޯޓުލާނި ކަމަށެވެ.

އެހެންކަމުން ބަހުސްގައި އެ ދެބޭފުޅުން ކައިރިކައިރީގައި ތިއްބެވިތަން ފެނުމުން މީހުން އަނެއްކާވެސް ޖޯކު ޖަހަން ފެށީއެވެ. އަދި މާރިޔާވެސް އެކަމުގައި ބައިވެރި ވެލެއްވިއެވެ.

އެގޮތުން އެ ފޮޓޯ ޓުވީޓު ކުރައްވައި މާރިޔާ ވިދާޅުވީ ހިސާބު ހޯމްވޯކް ހައްދަވަނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް