ކޮޅާކޮޅު ނުފެން ވަރަށް ދިގުކޮށް ސަފުތައް އަތުރާލައި، ހދ. ކުޅުދުއްފުށިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ނުކުމެ ކުޅުދުއްފުށިން ރައީސްއަށް މަރުހަބާ ކިޔާފައި ވާއިރު، އޭގެ ތެރޭގައި އެ ދާއިރާގެ މެމްބަރާއި ކައުންސިލަރުން ހިމެނެއެވެ. ސަޕޯޓަރުންނާ ސަލާމް ކުރެއްވުމުގައި ރައީސް އެތައް ވަގުތެއް ހޭދަކުރެއްވިއެވެ.
ކުޅުފުއްފުށި ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވަނީ ދާދި ފަހުން ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ އެމްޑީޕީއަށް ސޮއި ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި އަދި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ފަރާތްތައް އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށްޓަކައި ވަނީ ސޯލްޓް ރެސްޓޯރެންޓްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްޑީޕީން ބުނެފައިވާގޮތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރާއި މޭޔަރު އާތިފާއި ޑެޕިއުޓީ މޭޔަރު އަލީ އަހްމަދުގެ އިތުރުން ތިން ކައުންސިލަރުންނާއި ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ ރައީސް އަކްރަމް ވަނީ އެރޭ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް