ޗައިނާއަށް ރެކްޓާ މިންގަނޑުން 6.6 މެގްނެޓިއުޑްގެ ބާރު މިނުގައި ބިން ހެލުމެއް އަތުވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ހުޅަނގު ދެކުނުގެ ޕްރޮވިންސެއްކަމަށްވާ ސެޗްވާން ޕްރޮވިންސަށެވެ.
ޗައިނާ މީޑިއާ އާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބިންހެލުމުގައި މިހާތަނަށް 21 މީހުން މަރުވެފައިވެ އެވެ. ޒަހަމްވި މީހުންގެ ސައްހަ އަދަދުތައް އަދި ނޭނގޭ ކަމަށްވެ އެވެ.
މި ބިންހެލުމުގައި ފަރުބަދަތަކުގެ ބައިތައް ވެއްޓުމާއި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް މެދު ކެނޑި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. ޓެލެކޮމިއުނިކޭޝަން ލައިންތަކުގެ ހިދުމަތް 10،000 ގޭބިސީން ގޮސްފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ބިންހެލުމުގެ އެލާޓު އާންމުންނަށް ލިބުނީ މަދު ސިކުންތުކޮޅަކަށް ވެފައި ވަނިކޮށެވެ.
6.6 މެގްނެޓިއުޑްގެ ބާރު މިނުގައި އެ ސަރަހައްދަށް ބިން ހެލުމެއް އައިސްފައި މިވަނީ 6.1 މެގްނެޓިއުޑްގެ ބާރު މިނުގައި ބިން ހެލުމެއް މިދިޔަ ޖޫން މަހު އައިސްފައިވަނިކޮށެވެ. ޖޫން މަހުގެ ބިން ހެލުމުގައި ޓިބެޓު ހިމެނޭ ސަރަހައްދަށްވެސް ގެއްލުން ލިބުނެވެ.
ސެޗުއާން ޕްރޮވިންސަށް މިފަހުން ބާރުގަދަ ބިން ހެލުމަކާއި އެކު ބޮޑު ގެއްލުމެއް ލިބުނީ 2008 ވަނަ އަހަރު އެވެ. އެ އަހަރު 8.0 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމުގައި އެ ޕްރޮވިންސުން 70،000 މީހުން މަރުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް